ޕްރޮސެކުއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށައިފިއެެވެ.

ޖުޑީޝިއަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ސިރާޖްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިންއެވެ. އަދި އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުނެވެ. ކޮމިޓީއިން ޕީޖީ މަގާމުން ވަކިކުރަން ފާސްކުރި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވާނެ އެވެ. މަޖިލީހުގެ އާގަވާއިދުގައި ބުނާ ގޮތުން މިނިވަން މުއައްސާތަކުގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕީޖީގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުން މިހާރުދަނީ ކުރަމުންނެވެ. އެގޮތުން މިއީވެސް ޕީޖީގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް ގެންނަ އިސްލާހެކެވެ. ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

ބިޝާމް މިދިޔަ ސަރުކާރުގައި ޕީޖީގެ މަގާމުގަިއ ހުންނެވިއިރު، އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށްވަނީ އެތަށް ދައުވާތަކެއް ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުންވަނީ އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ޕީޖީ ބިޝާމްގެ އިސްތިއުފާއަށް އޭރު ގޮވާލާފަ އެވެ.