ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ނަގަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް އެދިވަޑައިގަތުމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނުރުހުންވެ ވަޑައިގެންފިއެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް މިއަދު ޕީޖީ ވަނީ ބުނެފައެވެ. ނަމަވެސް ޕީޖީގެ ވާހަކަތައް ނިމުމާއެކު އުއްތަމަ ފަނޑިޔާރު ވަރަށް ބޮޑަށް ކޯފާވެ އިންނަވާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަކީ ޕީޖީގެ ސެކްޝަނެއް ނޫން ކަމަށާއި ބޭނުންވީމައި ސުޕްރީމް ކޯޓުގައި މައްސަލަ ޕާކްކޮށްފައި ނުބޭއްވޭނެ ކަމަށެވެ.

މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލު މުހައްމަދު އާލިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އެއްބާރުލުން ދިނުމަށް ޖޫން މަހުގެ އަށްވަނަ ދުވަހު އަދީބު އެއްބަސްވެވަޑައިގެން ފައިވާ ކަމަށާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުށަށް އިއުތިރާފުވެ ވަޑައިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިއުތިރާފު އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އަދީބު ސޮއި ކުރައްވާފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އަދީބު، ކުށަށް އިއުތިރާފުވެ ވަޑައިގެންފައި ވާއިރު އޭގެ ބަދަލެއްގެ ގޮތުގައި މާބިންހުރާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އެއްބަސްވެފައި ވާނެ ކަމަށާއި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ޕީޖީ ބޭނުން ނުވާ ކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ކުރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އަދީބު ކުށަށް އިންކާރު ކުރައްވައިފި ނަމަ، މާބިންހުރާގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި އަލުން ކުރިއަށް ގެންދަން ޕީޖީ ބޭނުންވާ ކަމަށް ވެސް ވަކީލް އާލިމް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި އަދީބު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު އިތުރު ފުރުސަތަކަށް ވެސް އެދިވަޑައިގެންފައެއް ނުވެއެވެ.

މާބިންހުރާ މައްސަލާގެ ޝަރީއަތް އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އެންގި ނަމަވެސް ކުރިމިނަލް ކޯޓުން ވެސް ވަނީ އެ މައްސަލަ ނުބަލަން ނިންމައި މައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފަ އެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ހިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން އަހުމަދު އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލައިފައެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި 18 ވަނަ މަޖިލީހުގެ 44 މެންބަރުން ހިމެނޭ ކަމަށާއި 19 ވަނަ މަޖިލީހުގެ 16 މެންބަރެއް ހިމެނޭ އިރު އަދީބު މިކަމަށް އިއުތިރާފު ވެފައިވާއިރު މި ހިޔާނާތުގައި ހިމެނޭ ބައެއް މެންބަރުންނާ ފުލުހުން ދަނީ ސުވާލު ކުރަމުންނެވެ.