ޕީޖީގެ މަގާމުގައި ހުންނަވައިގެން ގާނޫނުން ބޭރުން ނުހައްގުން ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވާ އެ ކަންކަން ބަލައި ފިޔަވަޅުއަޅަން ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ގޮވާލައްވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހެނދުނެވެ. މި ކަމާ ގުޅިގެން އަބުޅޯ ވިދާޅުވީ، ބިޝާމް މަގާމުން އިސްތިއުފާ ދެއްވި ކަމުގައި ވިޔަސް ޕީޖީ މަގާމުގައި ހުންނަވައިގެން ގާނޫނުތަކުގެ ބޭރުން އެ ކަންކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އަބުޅޯ ވަނީ، ކަމާބެހޭ ފަރާތްތަކަށް ތަހުގީގު އަވަހަށް ފެށުމަށް ގޮވާލައްވާފައެވެ.

ބިޝާމް އިސްތިއުފާ ދެއްވާފައި ވާއިރު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ، ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމަށް ނިންމާފައެވެ. ބިޝާމް ވަކިކުރުމަށް ކޮމެޓީން ނިންމީ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރުމުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީއެވެ.

މިއަދު ހެނދުނު 11:00 އަށް މަޖިލީހުގެ ކޮމީޓީއަށް ހާޒިރުވުމަށް އަންގާފައި ވަނިކޮށް ބިޝާމް ވަނީ ޕީޖީ އޮފީސް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވަނީ އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ ބިޝާމްގެ ބަޔާނުގައި ވިދާޅުވީ ޖަވާބުދާރީ ވާން ވަކީލަކާ އެކުވެސް ހާޒިރުވުމުގެ ފުރުސަތު އޮތް ކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީގައި ޖަވާބުދާރީވާން ޖެހޭ ކަންތައްތައް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ޖަވާބުދާރީވާން ތައްޔާރުވުމަށްޓަކައި މުހުލަތެއް ދިނުމާއި، ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭގޮތަށް އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ފަދައިން، ޖަވާބުދާރީވާންޖެހޭ ކަންކަން ވެސް ވަރަށް ސާފުކޮށް، ބަޔާން ކުރަންވާނެ ކަމަށް ޕީޖީގެ ބަޔާނުގައިވެއެވެ.

މިހާރު ޕީޖީގެ މަގާމު ހުސްވެފައި ވުމުން އެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.