ދޮގު ހަދައިގެން މަގާމު ދިފާއު ކުރުމުން ލިބޭނެ ރަނގަޅެއް ނޯންނާނެކަމަށް މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހް މިހެން ވިދާޅުވެފައިވަނީ ބިޝާމް ޕްރޮސްކިއުޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ. މިނިސްޓަރު މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް މަގާމެއް ދިފާއުކުރުމަށް ދޮގު ހަދާ، އެހެންމީހުންގެ އަބުރު ކަތިނުލާންޖެހެނީ މިހެންވެކަމަށާއި، އަދި އެފަދަ ކަންކަމުގަ ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ ކަމަށެވެ. މިނިސްޓަރުވަނީ ޕީޖީ ބިޝާމް މަޖިލީހުގެ ކޮމިޓީގެ ބާރުގަ ހުންނެވިއިރު ހެއްދެވި ދޮގުތަކައްވެސް މައާފަށް އެދިލައްވަން ގޮވާލައްވާފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ކަމުން އައިޝަތު ބިޝާމް އިސްތިއުފާދެއްވާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ބިޝާމްއަށް ވަނީ މިއަދުގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށްވެސް އަންގަވާފަ އެވެ. ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޕްރޮސެސް ކުރިއަށް ގެންގޮސް ދިނުމަށް ޖުޑިޝަރީ ކޮމިޓީއިން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ބިޝާމް އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ރައީސް ވަނީ އެޓްވީޓުގައި ޝުކުރު ދަންނަވާފައެވެ.

މިއަދު ކޮމީޓީއަށް ހާޒިރު ވުމަށް އަންގާފައި ވަނިކޮށް ބިޝާމް ވަނީ ޕީޖީ އޮފީސް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވަނީ އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.