ޕްރޮސިކިއުޓާ ޖެނެރަލް ކަމުން އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބިޝާމް އިސްތިއުފާ ދެއްވާފައި މިވަނީ މިއަދު 11:00 އަށް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައި ވަނިކޮށެވެ. ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޕްރޮސެސް ކުރިއަށް ގެންގޮސް ދިނުމަށް ޖުޑިޝަރީ ކޮމިޓީއިން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ބިޝާމް އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތަށް ރައީސް ވަނީ އެޓްވީޓުގައި ޝުކުރު ދަންނަވާފައެވެ.

ބިޝާމް އިސްތިއުފާ ދެއްވަމުން ވަނީ ޕީޖީގެ މުވައްޒަފުންނަށް، މެސެޖެއްވެސް ފޮނުއްވާފައެވެ. އެ މެސެޖުގައި ބިޝާމް ވިދާޅުވެފައި ވަނީ ވޭތުވެދިޔަ 4 އަހަރު ދުވަހު ޕީޖީގެ މުވައްޒަފުންނާއެކު މަސައްކަތް ކުރެއްވުނު މުއްދަތަކީ ތަޖުރިބާއިން ފުރިގެންވާ، ފިލާވަޅުތަކެއް ލިބިވަޑައިގެން ދުވަސްތަކެއް ކަމަށެވެ. ތަނުގެ މުވައްޒަފުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެ ބިޝާމް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު މުވައްޒަފުން ކުރާ މަސައްކަތްތަކަކީ އަބަދުވެސް ފަހުރުވެރިވެ ވަޑައިގަންނަވާ މަސައްކަތްތަކެއް ކަމަށް ފާހަގަ ކުރައްވާފައެވެ. އަދި މަސައްކަތުގައި ގައުމު އިސްކުރުމަށާއި، އިހުލާސްތެރި ވުމަށާއި، ފަރުވާތެރި ވުމާއި، އަހުލާގު އިސްކުރުމަށް ބިޝާމް ނަސޭހަތްތެރިވެ ވަޑައިގެންފައި ވެއެވެ. އަދި މުވައްޒަފަކު ހިތުގައި ޖެހޭ ކަމެއް ކުރެއްވިފައި ވާނަމަ އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ކޮމީޓީއަށް ހާޒިރު ވުމަށް އަންގާފައި ވަނިކޮށް ބިޝާމް ވަނީ ޕީޖީ އޮފީސް މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވަނީ އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމެޓީން ފަށާފައިވާ މަސައްކަތަކީ އިޖުރާއަތްތަކާ އެއްގޮތަށް ހިންގޭ މަސައްކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަށާފައިވާ މަސައްކަތްތަކަކީ އިހްލާސްތެރި ނިޔަތެއްގައި ފަށާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ ބިޝާމްގެ ބަޔާނުގައި ވިދާޅުވީ ޖަވާބުދާރީ ވާން ވަކީލަކާ އެކުވެސް ހާޒިރުވުމުގެ ފުރުސަތު އޮތް ކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީގައި ޖަވާބުދާރީވާން ޖެހޭ ކަންތައްތައް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ޖަވާބުދާރީވާން ތައްޔާރުވުމަށްޓަކައި މުހުލަތެއް ދިނުމާއި، ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭގޮތަށް އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ފަދައިން، ޖަވާބުދާރީވާންޖެހޭ ކަންކަން ވެސް ވަރަށް ސާފުކޮށް، ބަޔާން ކުރަންވާނެ ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ.

މި މަހުގެ 20ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޖީ އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރުމުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.

އެ ޖަލްސާގައި ޖުޑީޝަރީ ކޮމެޓީން ޕީޖީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާ ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީގައި ޕީޖީގެ މަގާމުން ވަކިކުރެވޭނެ ހާލަތު ބަޔާންކޮށްފައިވާ މާއްދާ މަޖިލީހުގެ ތަޅުމުގައި އިއްވަވާފައެވެ. އަދި އެ މާއްދާ އިއްވެވުމަށް ފަހު ނަޝީދު ވިދާޅުވީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.