އުސޫލުތަކުގެ ބޭރުން ބާތިލް ކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އަލަށް އައްޔަން ކުރެއްވި އޭސީސީގެ މެންބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާޔާ ބައްދަލު ކުރައްވައި ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ބަދަލު ދިނުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނީ އެންމެ މައްސަލައެއް ކަމުގައިވީ ނަމަވެސް މައްސަލަ ބަލަމުންދާ އިރު މިހާތަނަށް ހަދާފައިވާ ހުރިހާ ސެޓަލްމެންޓެއް ވަކި ވަކިން ތަހުގީގު ކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަތުމާއި ހަމައަށް މި ސަރުކާރުގެ ތިބި ގިނަ ބަޔަކު ބުނަމުން ދިޔައީ ކުރީގެ ސަރުކާރުން ރައްޔިތުންގެ ފައިސާއިން "ވައްކަން" ކުރަމުންދާ ވާހަކައާ ފައިސާތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ވާހަކައެވެ. ނަމަވެސް މިއަދު ގިނަ އާއްމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ދެމުން ގެންދާތީ އަންނަނީ ކަންބޮޑުވުންފާޅުކޮށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރުގެ އަމަލަކީ "ވައްކަމުގެ" އަމަލެކެވެ. އެކަން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ދައުލަތުން ބަދަލު ދޭންޖެހިފައިވާ މައްސަލަތަކާއި މިހާރުވެސް އާބިޓްރޭޝަންގައި ހުރި މައްސަލަތަކަކީ ގިނަ މައްސަލަތަކެކެވެ. ސަރުކާރަށް އަހަރެއްވާން ދާއިރު މިހާތަނަށް ސަރުކާރުން ވަނީ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ދީފައެވެ. އެންމެ ފަހުން ސަރުކާރުން ބަދަލު ދީފައި ވަނީ ނޫމަޑިއަށެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރު (848 މިލިއަން ދިވެހި ރުފިޔާ) ދީފައެވެ.