އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އެ ކޮމިޝަންގެ އާ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝިއުނާ ވިދާޅުވީ ނުފޫޒެއް ފޯރުވާ ކަމަށްވާ ނަމަ އެކަން ވަގުތުން ހާމަ ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި އަދިވެސް މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް އެބައޮތްކަން ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ އެ ނުފޫޒުގައި އޭސީސީގެ މެންބަރުން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ވަކިން ހާއްސަކޮށް އެކަމަނާ އެ ނުފޫޒުގައި ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީގެ ފަސް މެންބަރުންނަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށެވެ.
ޝިއުނާ މިފަދައިން ވިދާޅުވިއިރު ނިމިގެން ދިޔަ އޭސީސީގެ ދައުރުގައި ތިބި އެ ކޮމިޝަނުގެ މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރުވި ކަމަށާއި އެކަމުގެ ސަބަބުން މިނިވަން ކަމާއި އެކުގައި އެ ކޮމިޝަނުގެ މެންބަރުން މަސައްކަތް ނުކުރައްވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ދިޔައީ ވާހަކަދައްކަމުންނެވެ.
ހާއްސަ ގޮތެއްގައި އެ ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ގިނަބަޔަކު އަންނަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރައްވަމުންނެވެ. ނަމަވެސް އޭނާ އެ ވާހަކަތައް ދޮގުކުރައްވައެވެ.