ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލުބުނު ގެއްލުން ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އައްޑުއަށް ވަޑައިގެންފިއެވެ.

ވިއްސާރައިގެ ސަބަބުން އައްޑޫގެ އެތައް ގެއަކަށް ފެން ވަދެ ރައްޔިތުންނަށް އެތައް ގެލުމެއް ލިބިފައިވާ އިރު ފުލުހުންނާއި ސިފައިންގެ އިތުރުން އެރަށު ކައުންސިލުން ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންނަށް ލިފައިވާ ގެއްލުން ބައްލަވާލެއްވުމަށް މާރިޔާ މިއަދު ވަޑައިގެންފައިވާއިރު، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވަނީ އެއާޕޯޓުން މާރިޔާއަށް މަރުހަބާ ދަންވަވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އައްޑޫ ސިޓީގެ މޭޔަރު ސޯދިގަށް ފޯނުން ގުޅުއްވާ ރައްޔިތުންގެ ހާލު ބައްލަވާލާފައެވެ. ރައީސް ވަނީ މޭޔަރަށް ގުޅުއްވައި ގެއްލުންވެފައިވާ ރައްޔިތުންގެ ހާލަތާއި، ބޯ ވިއްސާރާގައި ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ އާއި މިހާރު އެކަމާއި ގުޅުގެން އައްޑޫގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތައް އޮޅުން ފިލުއްވާފައެވެ.

މީގެ އިތުރުން، ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ދީދީ ވަނީ ރައްޔިތުންގެ ހާލު ބައްލައްވާފައެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ފެން ހިންދާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމައި ދިނުމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ ގޮވާލައްވާފައެވެ.

އައްޑޫ ސިޓީއަކީ ބޯކޮށް ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ސިޓީއެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ ސިޓީއަށް ކުރި ވިއްސާރާގައި އެ ސިޓީގެ އެކި އަވަށްތަކުގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ގޭގެއަށް ފެން ވަދެ ބައެއް ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

އައްޑޫގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރަން ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އަދި އަދަށްވެސް އެ މަސައްކަތް ނިމިފައި ނުވުމަކީ އައްޑޫ ރައްޔިތުންގެ ޝަކުވާއެކެވެ.

އެމްއެންޑީޢެފުން އައްޑޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ

ރެއާ ހަމައަށް އައްޑޫގެ ޖުމްލަ 140 ގެއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ. އެއީ ހިތަދޫން 44 ގެއަކާއި، މަރަދޫން 4 ގެއަކާއި، މަރަދޫ-ފޭދުން 12 ގެއަކާއި، ފޭދުން 43 ގެއަކާއި ހުޅުދޫން 10 ގެއެއްގެ އިތުރުން މީދޫން 27 ގެެކެވެ.

މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ، ވިއްސާރައިގައި ގޭގެއަށް ލިބިފައިވާ ގެއްލުން ކައުންސިލުން ބަލަމުންދާ ކަމަށެވެ. ވެލި ބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނާއި، އެމްއެންޑީއެފާއި، ފެނަކައިގެ އިތުރުން ޕަބްލިކް ވާކްސާއި، ރެޑްކްރެސެންޓް އަދި ކައުންސިލުގެ މުނިސިޕަލް ސާވިސް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.