ރޯމާ ދުުވާލު ގައުމު ލޫޓުވުން ކުރިއަށް ދަނީ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިފަދައިން ވިދާޅުވެ ޓްވީޓުކޮށްފައި ވަނީ، ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު ދިނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށް ކަން ހާމަވެފައި ވަނިކޮށެވެ.

ނިހާން ވިދާޅުވީ ރޯމާ ދުވާލު ގައުމު ލޫޓުވުން ކުރިއަށް ދަނީ ކަމަށާއި ނަންވާނީ "ހައިވަކަރު އޮޑި" ކަމަށެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ނޫމަޑިއާ އެކު ސެޓްލްމަންޓު އެގްރީމަންޓެއްގައި ސޮއިކުރީ މިދިޔަ އޮގަސްޓު މަހުގެ 25 ގައި ކަަމަށެވެ. އޭގައި އެއްބަސްވެވުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ކަމަށެވެ.

ނޫމަޑީގެ އިތުރުން އެހެން ކުންފުނިތަކަށާއި މީހުންނަށް ގެއްލުމުގެ ބަދަލުގައި މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ، މިހާރު ފެންނަމުން ދަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ ފައިސާ އިން ވައްކަން ކުރާތަން ކަމަށެވެ.

ނޫމަޑިއާ އެކު އެއްބަސްވެފައި ވަނީ އެކި ރަށްތަކުގައި 1،100 ހައުސިން ޔުނިޓް އެޅުމަށެވެ. ނަމަވެސް މި އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުހުންވައިގެން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅާފައިވަނީ 2017 ވަނަ އަހަރުއެވެ.

ނޫމަޑި ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅާފައި ވެއެވެ. އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ޖެނުއަރީ، 20، 2011 ގައި ސޮއިކުރި އެއްބަސްވުން ބާތިލް ކުރުމެވެ. އަދި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން މެއި، 30، 2013 ގައި ސޮއި ކުރި އެއްބަސްވުމުގެ މައްސަލައެވެ.