މީގެކުރިން ބިން ހިއްކަމުން ދިޔަ ގޮތް ބަދަލުކޮށް މުޅިން އާ ގޮތަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ގައުމީ ތަރައްގީ ކޮމެޓީގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މީގެކުރިން ބިން ހިއްކަމުން އަންނަނީ އެއްވެސް ވަރަކަށް ޑިޒައިން ކުރުމެއް ނެތި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މީގެކުރިން ބިން ހިއްކަމުން ދަނީ ރަށުގައި އެންމެ ބޮޑަށް ފަޅު އޮންނަ ދިމާލުން ހިއްކާގޮތަށް ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން އެގޮތަށް ބިން ހިއްކަން ބޭނުން ނުވާ ކަމަށެވެ.
މިނިސްޓަރު އަސްލަމް މިސާލު ނެންގެވީ ރިސޯޓުތައް ތަރައްގީ ކުރަމުން އަންނަ ގޮތަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ބިން ހިއްކައިގެން ރިސޯޓު ތަރައްގީ ކުރާއިރު މާބޮޑު ތޮށްޓެއް ނުލާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން ބީޗުން ބޮޑުބައެއް ގެއްލިގެން ނުދާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކޮމެޓީގައި މިނިސްޓަރު އަސްލަމް ވަނީ ކ. މާފުށީގައި ބިން ހިއްކަން ސަރުކާރުން ނިންމާފައިވާ ގޮތް މެންބަރުންނާ ހިއްސާ ކުރައްވާފައެވެ. މާފުށްޓަކީ ވެސް ބޮޑު ފަޅެއް އޮތް ރަށެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ފަޅު އެގޮތަށް ބާއްވާފައި ބިން ހިއްކާނީ އެހެން ދިމާލަކުން ކަމަށެވެ.
"އޭގެ ބަދަލުގައި އަނެއް ކޮޅުން ބިން ހިއްކައި، ބްރޭކްވޯޓާތަކެއް ލައި، ދެ ބްރޭކްވޯޓާ ދޭތެރޭގައި ބީޗެއް އޮންނަ ގޮތަށް އެކަން ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރީ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިން ހިއްކަމުން ދިޔަ ގޮތް ބަދަލު ކުރަން ނިންމި ނަމަވެސް ބިން ހިއްކާނެ މާ ބޮޑު ޖާގައެއް ނެތް ރަށްރަށުގައި އަމަލު ކުރާނީ މީގެކުރިންވެސް ބިން ހިއްކަމުން ދިޔަ ގޮތަށް ކަމަށެވެ.
މިނިސްޓަރު މި ޕްލޭނުގެ ވާހަކަ ދެއްކެވި އިރު އެކަމާ ގުޅޭގޮތުން ހެއްދެވި ދިރާސާއެއްގެ ވާހަކައެއް ނުދައްކަވައެވެ.