މާލެއަށް މޫސުން ގޯސްވެ، ވާރޭ ވެހެމުން ދިޔަ ކަމަށް ވީ ނަމަވެސް މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "އަންނަނީ އަންނަނީ" މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައި ރެލީ ކެންސަލް ނުކުރާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު މާލޭގެ މޫސުން ރަނގަޅު ނޫން ކަމަށެވެ. އަދި މިރޭ 7:30ހާއި ހަމައަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާ ކަމަށާއި ނަމަވެސް އިދިކޮޅުން ބޭއްވުމަށް ނިންމާފައިވާ ރެލީ ކެންސަލް ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ދަޕްރެސް

"ހަމަ އަށެއް ޖަހާއިރު ކާނިވާ ސަރަހައްދުގައި ރެލީ އޮންނާނެ. ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވަންވީ. ތުނިކޮށް ވާރޭ ވެހުނު ނަމަވެސް، ރެލީއަށް ވަޑައިގަންނަވަން ވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ރެލީގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. "އަންނަނީ އަންނަނީ" އަކީ، ސަރުކާރުގެ މަޝްރޫއުތައް ނުފެށި ލަސްވާތީ ސަރުކާރަށް ފާޑު ކިޔުމަށް އިދިކޮޅުން ބޭނުންކުރާ ސްލޯގަނެކެވެ. އިދިކޮޅުން ބުނީ މިރޭގެ ރެލީގައި ވަކި މައުޟޫއަކަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އެކި މައްސަލަތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވާނެ ކަމަށެވެ.