ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި ދެ ޝެއިހަކަށް ތެދުމަގު ދައްކަވާތޯ މިނިސްޓަރު އިމްރާން ދުއާ ކުރައްވައިފިއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ދުއާ ކުރެއްވި ދެ ޝެއިހުންނަކީ ޝެއިހް ހުސައިން ރަޝީދު އަހުމަދާއި ޑރ. މުހައްމަދު އިޔާޒެވެ. އެމަނިކުފާނު މި މޭރުމުން ދުއާ ކުރައްވާފައި މިވަނީ ޝެއިހް ހުސައިން ރަޝީދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

ޝެއިހް ހުސައިން ރަޝީދުގެ ޓްވީޓުގައި ވިދާޅުވީ މިނިސްޓަރު އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީއަކީ ދެފުއްކެހެރި ޕާޓީއަކަށް ވެއްޖެ ކަމަށެވެ. ޑރ. އިޔާޒުމެން މެދުނުކެނޑި ހުރިހާ ކަމެއްގައި ސަރުކާރު ގޯސް ކުރަމުންދާ ކަމަށް ވިދާޅުވެ، ޝެއިހް ހުސައިން ރަޝީދު ވިދާޅުވީ މިނިސްޓަރު އިމްރާނާއި އަދިވެސް މަދު ބަޔަކު ސަރުކާރުގެ އިސް މަގާމުތަކަށް "ސަވާރުވެތިބެ" ބޮޑު މުސާރަ ނަންގަވަމުން ގެންދަވާ ކަމަށެވެ. އަދި ވަނީ އެކަން ދެކޮޅު ޖައްސާނެ ގޮތެއް ވިދާޅުވެ ދެއްވުމަށް މިނިސްޓަރު އިމްރާންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޝެއިހް ހުސައިންގެ ޓްވީޓަށް ޖަވާބު ދެއްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ "މާތްﷲ ރައީސް ނަޝީދާއި ޝެއިހް ހުސައިން ރަޝީދާއި އަޅުގަނޑާއި އަދި ޑރ. އިޔާޒަށް އެ އިލާހުގެ ރުހި ވޮޑި ގަންނަވާ ތެދުމަގަށް މަގު ދައްކަވާ، އިސްލާމްދީން މަތިވެރި ކުރުމަށް މަސައްކަތް ކުރާ މުސްލިމުންނަށް ހެޔޮގޮތް ހޯދުމަށް މަސައްކަތް ކުރާ ބައެއް ކަމުގައި ލައްވާށި. އާމީން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވިއިރު ޑރ. އިޔާޒު ގެންދަވަނީ މެދުނުކެނޑި ސޯޝަލް މީޑިއާގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެ ނެރުނު ރިޕޯޓާއި ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. އަދި އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮށް އަދަބު ދިނުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް ޝެއިހް ހުސައިން ރަޝީދު ހަމައެކަނި ކުރެއްވި ޓްވީޓަކީ މާތް ނަބިއްޔާގެ މަތިވެރި ރިސާލަތަށް ހަޖޫ ޖަހައިގެން ނުވާނެ ކަމާއި އެފަ ބަޔަކު އެ ކުރަނީ ވަރަށް ބޮޑު ކުށެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެކެވެ. އެމްޑީއެންއާ ދެކޮޅަށް އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.