ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ޗައިނާގެ 28 ކުންފުންޏެއް ބްލެކްލިސްޓް ކުރުމަށް ނިންމާފައިވާކަމަށް އެމެރިކާ އިން ހާމަކޮށްފިއެވެ.

އެމެރިކާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ވިލްބާ ރޮސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ބައިމަދު މީހުންގެ ހައްގުތަކެއް ނިގުޅައިގަންނަމުންދާ ދިއުމަށް އެމެރިކާއިން ތާއީދުނުކުރާނެ ކަމަށާ، ކުންފުނިތައް ބްލެކްލިސްޓް ކުރުމާއެކު އެ ކުންފުނިތަކަށް އެމެރިކާގެ އެއްވެސް އުފެއްދުމެއް ނުގަނެވޭނެކަމަށެވެ.

އެމެރިކާއިން ބްލެކްލިސްޓަށް ލާފައިވާ ޗައިނާގެ ކުންފުނިތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ކުންފުނިތަކާ، ވީޑިއޯ ސާވޭލަންސް ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުނިތަކެއް ހިމެނެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކާ އދއިން ބުނަމުންދާ ގޮތުގައި، ޗައިނާގެ ކަމާބެހޭ ފަރާތްތަކުންވަނީ ވީގޫރު ދަރިކޮޅާ އެނޫންވެސް ބައިމަދު އާބާދީތަކަށް ނިސްބަތްވާ މިލިއަނެއްހާ މުސްލިމުން ކޭމްޕުތަކެއް ބަންދުކޮށްފައެވެ. އިންސާނީ ހަގުއްތަކުން އެބައި މީހުން ނިގުޅައިގަނެފައިވާކަމަށް ބުނާއިރު، ޗައިނާއިން ބުނަމުންދަނީ މި ކޭމްޕުތަކަކީ ވޮކޭޝަނަލް ތަމްރީނުދޭ ކޭމްޕުތަކެއް ކަމަށެވެ.