ޓީޗަރުންނަށް ހާއްސަ "އޭ ޕްލަސް" އޮފާއެއް ދިރާގުން ތައާރަފު ކޮށްފިއެވެ.

މިއީ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ކުންފުނިން ތައާރަފްކުރި އޮފާ އެކެވެ. ދިރާގުން ބުނީ މި އޮފާ ހިޔާރުކުރާ ޓީޗަރުން އަލަށް ގަންނަ ފައިބާ ބްރޯޑް ބޭންޑް ކަނެކްޝަން ގުޅައިދިނުމާ އެކު އޯއެންޓީ (މޮޑެމް) ހިލޭ ލިބޭނެ ކަމަށެވެ. މި އޮފާގެ ތެރެއިން ދިރާގު ޕޯސްޓްޕެއިޑް ގެންގުޅޭ ޓީޗަރުންނަށް ތިން މަސް ދުވަހު ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. ނަމަވެސް ދިރާގުން ބުނީ ހިލޭ ޑޭޓާ ލިބޭނީ 350އިން މަތީގެ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ކަމަށެވެ.

ދިރާގު އޭ ޕްލަސް އޮފާގެ ތެރޭގައި އެ ކުންފުނިން ވިއްކާ ފޯނުތަކުން ޑިސްކައުންޓުވެސް ލިބެއެވެ. ނަމަވެސް އެއީވެސް ހަމައެކަނި ޓީޗަރުންނަށެވެ. މި އޮފާގައި ޓީޗަރުންނަށް އެހެން ނަންބަރުތަކަށް ހިލޭ ގުޅޭއިރު ވޮއިސް ޕެކޭޖުތައްވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މި އޮފާ އަކީ މުޅި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ އޮފާއެއް ކަމަށެވެ.

ނަމަވެސް މި އޮފާ ބޭނުންވާ ނަމަ މި މަސް ނިމުމުގެ ކުރިން އެ މީހަކު އުޅޭ ސްކޫލެއްގެ ތައްގަނޑު ޖެހުމަށް ފަހު ދިރާގަށް އެޕްލިކޭޝަން ފޯމު ލާން ޖެހޭނެއެވެ. އެ ފޯމަކީ ދިރާގުގެ ހުރިހާ ފިހާރާތަކަކުން ލިބެން ހުންނާނެ ފޯމެކެވެ.