މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އިސްލާމްދީނަށާއި ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަކޮށް ބަދުބަސް ބުނެ ރިޕޯޓު ލިޔުމުން އެކަމުގެ ސަބަބުން އެ ޖަމިއްޔާ ކުށްވެރި ކުރާކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކެރިވަޑައެއް ނުގަތެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ކުށްވެރިކޮށް އެތައް ބަޔަކު އެ ޖަމިއްޔާ އުވާލުމަށް ސޯޝަލް މީޑިއާގައި ގޮވަމުންދާއިރު އެކަމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ނަންގަވާ ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އެންމެ ފުރިހަމަ އަދި އެންމެ މާތް އަދި އެންމެ ތަހުޒީބުވެސް ދީން ކަމަށެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " ރައީސް ދިވެހިންނެއް ދީނަކަށް ފުރައްސާއެއް ނުކުރާނެ." މިފަދައިންނެވެ. އަދި ވިދާޅުވީ އެ ދީނަށް ފުރައްސާރަ ކޮށްގެނޭ ކިޔައިގެން ވާހަކަ ދައްކަނީ މަދު ބަޔަކު ކަމަށާއި އެއީ ކަމަކުން "ރެކެން" ވެގެން ކުރާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓާއި އެ ޖަމިއްޔާގެ އެ އަމަލާ ގުޅިގެން ސަރުކާރުގެ އެއްވެސް ވެރިއަކު އެއްޗެއް ވިދާޅުނުވާތީ އާއްމުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ބައެއް މިނިސްޓަރުން އިސްލާމްދީނަށް ކުރާ ފުރައްސާރަ ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި ނަމަވެސް މި މައްސަލާގައި އާއްމުން ސޯޝަލް މީޑިއާގައި ބޭނުން ކުރާ BanMDN# މިފަދައިން ބޭނުން ކޮށްފައެއް ނުވެއެވެ. އަދި ޓްވީޓާގައި ބައެއް އާއްމުން އަންނަނީ އެފަދައިން ޓްވީޓު ނުކުރީ ކީއްވެތޯ މެންބަރުންނާއި މިނިސްޓަރުން ގާތު އަހަމުންނެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިން މިއަދު ވަނީ އިސްލާމިކް މިނިސްޓަރާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްޑީއެން ރިޕޯޓުގައި ހުރި ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގު ކޮށްދިނުމަށް އެދިފައެވެ.