ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ޗައިނާ "ރުޅިގަދަ" ކުރުމަކީ ދިވެހިންނަށް އެކަމުން އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހާރިޖީ ކޮމެޓީގެ މުގައްރިރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑިއާ އާއި ޗައިނާއާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ނަޝީދުގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް ސިޔާސީ ލީޑަރުންނެއް ހައްޔަރުކުރީ ޗައިނާ ފަހަތުގައި އޮވެގެން ކަމަށް ވިދާޅުވެފައެވެ. މިފަދައިން ޗައިނާއާ ދެކޮޅަށް އެތައް ވާހަކަތަކެއް ނަޝީދު ދެއްކެވިއެވެ.

މެންބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ އާއި ޗައިނާއާ ގުޅުން ހުރި މައްސަލަތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ އެކު އެއް މޭޒަކަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ. ޝަރީފް ވިދާޅުވީ އިންޑިއާ އާއި ޗައިނާއަކީވެސް ރާއްޖޭގެ ތަރައްގީއަށް މުހިއްމު ދެ ބައިވެރިން ކަމަށް ޝަރީފް ވިދާޅުވެފައެވެ.

ޗައިނާއަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ބާރުގަދަ ގައުމެއްގެ ގޮތުގައި ސިފަ ކުރައްވާ ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ އިބްރާހީމް ޝަރީގް ވިދާޅުވީ ޗައިނާއަކީ ދިވެހިންނާއި ދިވެހި ގައުމުގެ ތަރައްގީއަށް ދީލަތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން އެފަދަ ގައުމެއް ރުޅިއެރުވުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ އިންޑިއާގެ އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގާ ފިނި ހަނގުރާމަ (ކޯލްޑް ވޯ)އެއްގެ މެދުގައި ރާއްޖެއިން ތާށިވެ ފިތެން ނޭދޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އަދި އިންޑިއާ ފަދަ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި އުފެދޭ މައްސަލަތަކުގައި ބެދެން ރާއްޖެއިން ބޭނުން ނުވާ ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުޖަންގް ލިޖޮންގް ވިދާޅުވީ ނަޝީދު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތަކެއް ކަމަށެވެ. ސަފީރު ވަނީ އިންޑިއާއާ ޗައިނާއާ ދެމެދު އޮތް ގުޅުން ނުތަނަވަސްކޮށް، ދެގައުމު ޖައްސަން އުޅުމަކީ ބޭކާރު ކަމެއް ކަމަށް ވިދާޅުވެފައެވެ.