ޅ. ހިންނަވަރުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ. އެންމެ ފުރަތަމަ އެމީހާ ފަރުވާ ހޯދީ ޅ. ހިންނަވަރު ސިއްހީ މަރުކަޒުންނެވެ. ނަމަވެސް ފަހުން އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރީ އިތުރު ފަރުވާ ދިނުމަށެވެ. ނައިފަރު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އޭނާއަކީ ހިންނަވަރުގައި ގާ އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

އެމީހާ މަރުވުމުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީއަށް ވެސް ނައިފަރު ކައުންސިލުން ގުޅިއެވެ. ނަމަވެސް ގަވާއިދާ ހިލާފަށް އުޅޭ މީހުންނަކީ އެމްބަސީއާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށާއި އެމީހުން އެގޮތަށް އުޅެނީ އެމީހުން އަމިއްލައަށް ކަމަށް ބުނެ އެމްބަސީން އޭނާއާ ހަވާލެއް ނުވިއެވެ. ނައިފަރުގައި އެމީހާ ވަޅުލުމުގެ ހުއްދައެއް ނޯވެއެވެ. އެހެންކަމުން ނައިފަރުން މިހާރު މަސައްކަތް ކުރަމުން ދަނީ މަރުވި ބަންގްލަދޭޝް މީހާގެ ހަށިގަނޑު މާލެ ފޮނުވާލެވޭތޯއެވެ.

އެމީހާ މަރުވި އިރު ޕާސްޕޯޓެއްވެސް އަދި ވިސާއެއްވެސް ނެތެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރުވެފައި ވާއިރު ސަރުކާރުން އަންނަނީ މި މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.