މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ގޮވާލައްވާފައި މިވަނީ ނިއު ޔޯކްގައި ކުރިއަށްދިޔަ ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން، (ސެމޯއާ) ޕާތްވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި އެ ފަރާތްތަކުން އެ ގޮތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ސިޑްސްގެ ގައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާ މެދު ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެކަމުން ލިބޭ މަންފާތަކަކީ ދުރު ރާސްތާއެއްގައި ހާސިލުވާނެ ކަންތައްތަކެއް ކަމަށެވެ. އަދި، އޭގެ ނަތީޖާއަކަށް ވާނީ، ސުލްހައާއި، ހަމަޖެހުމާއި، ތިޔާގިކަން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނެވި އުޖާލާ މުސްތަގުބަލެއް ކަށަވަރު ކުރުމަށް 2025ވަނަ އަހަރުގެ ކުރިން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެ ގައުމުތަކުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތްވޭ މުއާހަދާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ މުއާހަދާގެ އަމާޒަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގު އުޖާލާކޮށް ދެމެހެއްޓެވެނި ގޮތަކަށް ކުރިމަގު ބައްޓަން ކުރުން ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތައް އުފެދިފައިވާ ގޮތުން މި މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ، ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންކަން ގައުމުތަކަށް ހާސިލް ކުރެވިފައިވާ މިންވަރު ދެނެގަތުމާއި، އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް އެކަށައެޅުން ކަމަށެވެ. ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ސެމޯއާ ޕާތްވޭގައި ހިމެނޭ ކަންތައްތައް ހާސިލުކުރެވޭނެ ކަމުގެ އުންމީދު އާލާވެފައިވާ ކަމަށާއި، ނަމަވެސް އެކަމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރަންޖެހޭ ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރަން ސިޑްސްގެ ގައުމުތަކަށް އޮތް ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޑްސްގެ ގައުމުތަކަކީ ވަރަށް ގިނަ ގޮތްގޮތުން އެހެނިހެން ގައުމުތަކާއި ތަފާތު ގައުމުތަކެއް ކަމަށެވެ. އޭގެ ތެރޭގައި އެ ގައުމުތަކުގެ ޖުޣުރާފިޔާގެ ސިފަތަކާއި، ގުދުރަތީ ވެށީގެ ނާޒުކު ކަމާއި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާ މިންވަރު ބޮޑުވުން ހިމެނޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސެމޯއާ ޕާތްވޭގައިވާ އަމާޒުތައް ހާސިލްކުރުމަށް ގަދަރުވެރި، ސުލްހަވެރި ތިޔާގި އަދި ތިމާވެއްޓާއި ރަހުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.