ތަމްރީނުތައް ނެތުމުގެ ސަބަބުން މެދު އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ޖޮބްފެއާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު މިރޭ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދިވެހިންގެ ހިއުމަން ރިސޯސްގެ ކަންކަން ހަރުދަނާކޮށް، ވަޒީފާތަކަށް ދިވެހިން އިތުރު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ކަމާ ގުޅުންހުރި ވުޒާރާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ސަރުކާރުން ބަލަމުންދާ ކަމަށެވެ.

"ސިޔާސަތުތައް ރޭވިފައިހުރި ގޮތުންވެސް މައްސަލަތައް އެބަހުރި. އަޅުގަނޑުމެން މިދަނީ ސިޔާސަތުތައް މުރާޖައާކޮށް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި، އެކަމަށް ސަރުކާރެއްގެ ފަރާތުން ހައްލު ކޮށްދެވޭނީ ކޮންކަމެއް ތޯ ބަލަމުން،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މެދު އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގައި، އެ ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކަށް ދިވެހިް ތަމްރީން ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މެދު އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުން ކަމަށާއި އަދި އެފަދަ ވަޒީފާތަކުގައި ބޭރު ފަރާތްތަކުގެ ނިސްބަތް މަދުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވާނީ މެދު އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމަށް އަދި ބޭރުގެ ފަރާތްތަކުގެ ރޭޝިއޯ ކުޑަ ކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އެކަން އަޅުގަނޑުމެން ކުރަމުން ދާނަން" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ ދިވެހިންނަށް ވަޒީފާ ހޯދުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަންނަމަހުގެ ތެރޭގައި ޖޮބް ޕޯޓަލް ލޯންޗު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ ވަޒީފާ ހޯދުމުގައި މިހާރު ދިމާވެގެންއުޅޭ ގިނަ މައްސަލަތަކަށް އެ ޖޮބް ޕޯޓަލްގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް އެ އެޕްލިކޭޝަނައް ވަދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޖޮބް ޕޯޓަލް ގާއިމްކުރުމަށްފަހު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ ފަރާތްތަކުން އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ. އަދި އަޅުގަނޑުމެން ސަރުކާރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ބައެއް ތިބިކަމަށް ބަލާނީ އެ ޕޯޓަލްގައި ރަޖިސްޓްރީވީމަ. ހަމައެގޮތުން ބޭރުގެ މަސައްކަތްތެރިން ގެނައުމަށް ފުރަތަމަ ވަޒީފާދޭ ފަރާތްތަކުން ޖެހޭނީ އެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވާން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފަހުގައި އެ ވަޒީފާއަށް އެކަށޭނެ ދިވެއްސަކު ނެތިއްޔާ ނޫނީ ބޭރުގެ ފަރާތްތަކަށް ސަރުކާރުން ކޯޓާ ދޫ ނުކުރާނެ ކަމަށެވެ.