ލ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ތާރީހަށް ވުރެ އަވަހަށް އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެރްކްޓަރު ކަމަށްވާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިގޮތަށް ބުނެފައި މިވަނީ ލ. ފޮނަދޫ ރައްޔިތަކު ކޮށްފައިވާ ޓްވީޓަކަށް އެ ދާއިރާގެ މެންބަރު މޫސާ ސިރާޖު ދެއްވި ޖަވާބާ ގުޅިގެންނެވެ. ފޮނަދޫއަށް ނިސްބަތްވާ މީހަކު ވަނީ އެރަށުގެ މަގުތަކުގައި ފެން ބޮޑުވެފައިވާ ފޮޓޯތަކެއް ޓްވިޓާގައި ޕޯސްޓު ކޮށްފައެވެ. އަދި އެއާއެކުގައި ބުނެފައިވަނީ ފޮނަދޫ ރައްޔިތުން އެހާލުގައި އުޅެމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ފޮނަދޫއަށް ނިސްބަތްވާ މީހާގެ ޓްވީޓުގައި ބުނެފައިވެއެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަމުން ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ މަގުތަކުގެ މަސައްކަތް މިވަގުތު ނުފެށި ލަސްވެފައި އޮތް ނަމަވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ "މުސީބާތުން" ސަރުކާރުން ރައްޔިތުން ސަލާމަތް ކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސިރާޖުގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން އެމްޓީސީސީގެ ސީއީއީ ހަސަން ޝާހު ވިދާޅުވީ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ނުވަތަ އެ މުއްދަތުގެ ކުރިން ނިންމާނެ ކަމުގެ ޔަގީންކަން ފޮނަދޫ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ މެއި މަހުގެ 22ވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 25 މިލިއަން ރުފިޔާއަށެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތަކީ މީގެކުރިން އެމްއާރްޑީސީން ކުރަމުންދިޔަ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެމްއާރްޑީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައި ވާއިރު މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.