ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ އަދަދާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު، ފަރުދުންގެ އިގްތިސާދަށް އެނގުންވާ މިންވަރު ކުޑަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހިންގެ އަމާޒަކަށްވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަގުބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެކަންކަމަށް އޮތް ހައްލަކީ ރަށު ފަތުރުވެރިކަން ފުޅާ ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ،

"ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާމެދުވެސް ވިސްނަންޖެހެއެވެ. ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެވެ. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ސިނާއަތާ މެދު، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެ ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު، ބައިނަލްއަގުވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަމުގައި ވިދާޅުވިއެވެ. އަދި ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަން ކަމުގައި ރައީސްގެ ހިތާބުގައި ސިފަކުރައްވާފައިވެއެވެ،

"މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގައި. ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ސިނާއަތް ފަށްޓަވައި ކޮޅަށް ޖައްސަވައިދެއްވީ، މިޖީލުގެ މީހުންނަށް ތަސައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވައިފައި. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯރޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުރި. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަގުބޫލު މަރުކާއެކެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މިޖަޒީރާތަކުގެ ތަބީއީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަންކަމަށާއި، ތިމާވެށި ހިމާޔަތްކޮށް، ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށެވެ.