ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކުގެ ނަން އިއްޔެ އިއުލާންކޮށްފައިވާއިރު، އެއިއުލާން ސަރުކާރުގެ ގެޒެޓުން ނަގައިފިއެވެ.

އެ އިއުލާން ގެޒެޓުން ނަގާފައިވަނީ، އެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނި ކޮށެވެ. އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ހުށަހަޅާ ސައްހަ ނޫން ލިޔެކިޔުންތަކާ ބެހޭގޮތުން ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މިނިސްޓްރީން ހުށަހަޅަމުން ގެންދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އިއުލާން ސަރުކާރުގެ ގެޒެޓުން ނަގާފައި ވަނީ އެ އިއުލާނަށް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށެވެ. ނަމަވެސް އިއުލާނަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

"އިއުލާން ގެޒެޓުން ނަގާފައިވަނީ އިއުލާނަށް ބައެއް އެމެންޑްމަންޓްސްތައް ގެންނަން ޖެހޭތީ" އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މައުލޫމާތް ދިނެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި އިއުލާނުގައި ބުނީ މިހާތަނަށް 13 ފަރާތެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެފަރާތްތަކަކީ ނިއު ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް، މިޝްކާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް، ވެމްޒޯ ޕްރައިވެޓް ލިމިޓެޑް، ސަރަމީ ޕްރައިވެޓް ލިމިޓެޑް، ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)، ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)، ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް، އުސްމާން ނައީމް (ކޮމްބައިން ބިލްޑް)، މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)، ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް އަދި ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

އިކޮނޮމިކް މިނިސްޓްރީން މިފަދަ ބައެއްގެ މައްސަލަ ހުށަހަޅާފައި މިވަނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެ މިނިސްޓްރީގެ ލޭބާ ޑިޕާޓުމަންޓު ދޮށުގައި ގިނަ އަދަދެއްގެ ބިދޭސީން ކިއު ހަދަމުންދާ ދުވަސްވަރެއްގައެވެ. އިކޮނޮމިކް މިނިސްޓްރީން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކު ވެސް ދޫކުރަނީ 150 ނަންބަރެވެ. އެ ޕްރޮގްރާމް ހިންގާނީ ހަ މަހުގެ މުއްދަތަށެވެ. އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހެވެ.