ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިކުރަމުންދިޔަ އިނގިރޭސިވިލާތުގެ އެންމެ ޒަމާންވީ އެއް ޓުއާ އޮޕަރޭޓަރުކަމަށްވާ ތޯމަސް ކުކް ކުންފުނި ބަނގުރޫޓުވެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލުމާއެކު، ވައިގެ އުދުހުންތަކުގެ އަގުތައް އުފުލެން ފަށައިފިއެވެ.

ވައިގެ ދަތުރުތަކުގެ އަގުތައް އުފުލިފައިވަނީ، ތޯމަސް ކުކް މެދުވެރިކޮށް ޗުއްޓީ ހޭދަކުރުމަށާ އެނޫންވެސް ބުކިންގް ހަދާފައިވާ ފަރާތްތަކާ، މިހާރުވެސް ދަތުރު މަތީގައި ތިބި ފަރާތްތަކުން އެހެން ކުންފުނިތައް މެދުވެރިކޮށް ޓިކެޓް ގަންނަން އުޅުމުގެ ސަބަބުން، ޑިމާންޑް އިތުރުވެގެން ކަމަށް ބެލެވެއެވެ.

ނަމަވެސް، މިއީ ހަމައެކަނި ޑިމާންޑް މައްޗަށް ދިއުމުގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަމަށް ނިންމޭކަށް ނެތެވެ. އެގޮތުން އެއާލައިންތަކަށް ލިބޭ ފައިދާ އިތުރު ކުރުމަށްޓަކައި ދަނޑިވަޅުގެ ބޭނުން ހިފައިގެން ބައެއް ކުންފުނިތަކުން ގަސްތުގައި ޓިކެޓްތައް އަގުބޮޑު ކުރަމުންދާކަމަށް ބައެއް ކަސްޓަމަރުން ތުހުމަތުކުރެއެވެ.

އެއާލައިންތަކުން ޓިކެޓްގެ އަގު ކަނޑައަޅާނީ ކިހިނެއް؟

ޓިކެޓެއްގެ އަގު ކަނޑައެޅުން ބަރޯސާވާ ގިނަ ކަންތައްތަކެއް ހުރެއެވެ. އެންމެ އަސާސީ ކަމަކީ ލިބެން ހުރި ސީޓްއާއި އެ ސީޓްތަކަށް އޮތް ޑިމާންޑެވެ. މީގެ އިތުރުން ފްލައިޓް ދަތުރުކުރާ މަގު ނުވަތަ ރޫޓާއި އެ މަންޒިލަކަށް ދަތުރުކުރާ އަދަދަކީވެސް ޓިކެޓްގެ އަގުތައް ކަނޑައެޅުމުގައި އެއާލައިންތަކުން ރިއާޔަތްކުރާ ކަންކަމެވެ. މީގެ އިތުރުން ފާއިތުވީ 12 މަސްދުވަހު ޓިކެޓްގެ ވިޔަފާރި އޮތް ގޮތަށްވެސް ބަލާނެއެވެ.

މި ހާލަތަކަށް ރިއާޔަތްކޮށް އަގުތައް ކަނޑައަޅާ ހިސާބު ހަދަނީ އަދުގެ ކުރިއަރާފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކޮމްޕިއުޓާ އެލްގަރިދަމްތައް ބޭނުންކޮށްގެންނެވެ. މިނެޓުން މިނެޓަށް، ޓިކެޓްތަކުގެ އަގުތަކާ ކުޅެލުމުގެ ބާރުވެސް އެއާލައިންތަކަށް އޮވެއެވެ. މިކަމުގައި ކުންފުނީގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ ބާރު އޮންނަ ކަމަށްވެއެވެ. އެގޮތުން އެއާލައިންގެ ރެވެނިއު މެނޭޖަރުންނަކީ މިކަމުގައި މަޝްހޫލުވާ ބައެއްކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

މިހާރު އަގުތަކަށް މިވަނީ ކިހިނެއް؟

ކުރިންވެސް ދެންނެވި ފަދައިން ސީޓް ސަޕްލައިއަށްވުރެ ޑިމާންޑް އިތުރުވެގެން އުޅެނީ ތޯމަސް ކުކްގެ ކުއްލި ހުއްޓުމާއެކުގައެވެ. މިއާއެކު ގިނަ ބަޔަކު ޓިކެޓް ގަތުމަށް އެހެން ކުންފުނިތަކާ ދިމާލަށް މިސްރާބުޖެހުމާއެކު ޓިކެޓްގެ އަގުތައް އުފުލި، ތޯމަސް ކުކް ކުންފުންޏާ ނުބެހި ތިބި އެހެން ކުންފުނިތަކުގެ ކަސްޓަމަރުންނަށް މިވަނީ މިކަމުގެ ތަކުލީފުތައް އުފުލަންޖެހިފައެވެ. އެހެން އިބާރަތަކުން ދަންނަވަނީނަމަ ވަކި އެއާލައިނެއްގެ ކަސްޓަމަރެއް ބެލުމެއް ނެތި ޖުމުލަ ގޮތެއްގައި ވައިގެ އުދުހުންތަކުގެ އަގު އުފުލުނީއެވެ.

ދެން އޮތީ އެއާލައިންތަކުން މާކެޓް ދިރާސާކުރުމަށްފަހު މަގުބޫލު ރޫޓުތަކަށް ފްލައިޓް އިތުރުކޮށްގެން އަގުތަކަށް ބަދަލު ގެނޭތޯ ބެލުމެވެ.