ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ހުލާސާ ބަޔާން ދެއްވަމުން ގެންދަވަނިކޮށް، ޝަރީއަތުން ހުއްޓުވައިފިއެވެ.

ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބައްލަވަން އިންނެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް، ދިފާއުގެ ވަކީލް އާދަމް އާސިފް ހުއްޓުވީ "ހުތުބާ" އެއްހެން ބަޔާން ދެއްވާ ކަމަށް ފާހަގަކުރެވޭތީއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ކުރުމުގެ ދައުވާގެ ފަސްވަނަ އަޑުއެހުމުގައި މިއަދު ކުރިއަށް ދަނީ ކިތާބީ ހެކި ހުށަހެޅުމުގެ ކަންކަމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ކިތާބީ ހެކި ހުށަހަޅާ ނިމުމުން ގާޒީ ހައިލަމް ވަނީ ދިފާއަށް އެފުރުސަތު ދެއްވާފައެވެ. އަދި ފުރަތަމަ ދިފާއުގެ ފަރާތުން ބަޔާން ހުށަހެޅުއްވީ ވަކީލް އަލީ ޝާހެވެ. އެއަށްފަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިފް ފުރަތަމަ ހުލާސާ ބަޔާން ދެއްވަން ފެއްޓެވިއެވެ. ފުރަތަމަ ބަޔާން ދެއްވަން ފެއްޓެވީ ވަރަށް މަޑުން އާދައިގެ ގޮތަކަށެވެ. ނަމަވެސް ފަހުން ފެނިގެން ދިޔައީ އޭނާގެ އަޑު ބާރުވެ، ހުތުބާއެއްހެން އެ ބަޔާން ދެއްވަމުން ގެންދެވި ތަނެވެ.

ވަކީލް އާސިފް ބަޔާން ދެއްވަނިކޮށް ހުއްޓުވުމަށްފަހު ބަޔާން ރަނގަޅަށް ދެއްވުމަށް އާސިފްގެ ފަރާތުން ގާޒީ ހައިލަމް އެދިވަޑައިގެންނެވިއެވެ. އަދި ވަކީލް އާސިފަކީ އަލަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ވަކީލް އާސިފް ބަޔާން ދެއްވާއިރު ހީފުޅުވަނީ ހުތުބާއެއް ދެއްވާހެން ކަމަށެވެ.

ގާޒީ އެފަދައިން ވިދާޅުވުމުން ވަކީލް އާސިފް ވިދާޅުވީ އެއީ އޭނާގެ އަޑު ހުންނަވާ ގޮތް ކަމަށެވެ. ނަމަވެސް އެކަން ދޮގު ކުރައްވާ ގާޒީ ހައިލަމް ވިދާޅުވީ އެއީ އާސިފްގެ އަޑު ހުންނަވާ ގޮތް ނޫން ކަމަށާއި އާސިފަކީ ކްރިމިނަލް ކޯޓަށް އަލަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އެފަދައިން ގާޒީ ވިދާޅުވުމުން އާސިފް ވިދާޅުވީ އަޑު މަޑުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"އަޑުގެ ވާހަކައެއް ނޫން ހަމައެކަނި ރާގުވެސް، ބައެއް ފަހަރު ހުތުބާއެއް ދެއްވާހެންވެސް ހީވެދާނެ އަނެއްބައި ފަހަރު ޑްރާމާއެއް ކުޅުއްވަނީހެންވެސް ހީވެދާނެ،" ގާޒީ ހައިލަމް ވިދާޅުވިއެވެ.

ގާޒީގެ އެ ވާހަކަތަކަށްފަހު ވަކީލް އާސިފް ހުލާސާ ބަޔާން ދެއްވީ އާދައިގެކޮށް އަޑުވެސް ކުރިއަށްވުރެ މަޑު ކޮށްގެނެވެ.

މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކި ބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާ އެކަމަނާއަށް ހާޒިރުވެވެން ނެތް ކަމަށް ދަންނަވާފައެވެ. އަދި ރައީސް ޔާމީންގެ މައްސަލާގައި ދެވޭނެ ހެކިބަހެއް ނެތް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގާޒީ ހައިލަމް ނިންމެވީ އަޒީމާގެ ހެކިބަސް ނުނެގުމަށެވެ.