ލ. ގަމު ގެއެއްގެ ތެރޭގައި އޮތް މަސް ފެންގަނޑަކަށް ވެއްޓުނު އުމުރުން ދެ އަހަރުގެ ތުއްތު ފިރިހެން ކުއްޖާ އަދިވެސް އޮތީ ސީރިއަސް ހާލަތެއްގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހުމަދު "ދަޕްރެސް"އަށް މިއަދު ވިދާޅުވީ އެ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އެ ކުއްޖާ ފެންގަނޑަށް ވެއްޓުނީ މި މަހުގެ 14ވަނަ ދުވަހުއެވެ.

މި މަހުގެ 14ވަނަ ދުވަހު ފުލުހުން ބުނީ ކުޑަ ކުއްޖަކު ފެންގަނޑަކަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެދުވަހުގެ 15:30 އެހާކަށްހާއިރު ކަމަށެވެ. އަދި އެ ކުއްޖާ ވަގުތުން ގަމު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކުއްޖާގެ ހާލަތު އިތުރަށް ގޯސްވުމުން ގަމު ހޮސްޕިޓަލުން އެކުއްޖާ މާލެ ފޮނުވާލިއެވެ.

ފުލުހުން އަންނަނީ އެކުއްޖާ މަސް ފެންގަނޑަށް ވެއްޓުނު މައްސަލަ ތަހުގީގުވެސް ކުރަމުންނެވެ.