އެމްއެމްޕީއާރުސީން ދޫކުރި ރައްތަކާއި ފަޅުތަކުގެ އިކުއިޒިޝަންގެ ގޮތުގައި 220 މިލިއަން ޑޮލަރު ދައުލަތަށް ލިބެންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން އެނގުނީ ދައުލަތަށް ލިބެންޖެހެނީ 91 މިލިއަން ޑޮލަރު ނޫން ކަމަށާއި، 220 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށެވެ. އެހެންކަމުން ބާކީ 128 މިލިއަން ޑޮލަރު ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށާއި ނުއަގުގައި ދޫކޮށްފައިވާ ރަށްރަށުން ހަމަ އަގު ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާރައްތަކުގެ ތެރެއިން 12 ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބައެއް ރަށްތައް ތަރައްގީކުރަމުން އެބަ ގެންދާ ކަމަށެވެ. އަދި މަސައްކަތް ނުފަށާ ރަށްތަގެ އެއްބަސްވުންތަކުގެ ތެރެއިން ބާތިލު ކުރެވެން ހުރި އެއްބަސްވުންތައް ބާތިލުކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސލައަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުންގެންދާ މައްސަލައެކެވެ. އަދި މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ އިތުރުން މައްސަަލައިގައި ޝާމިލުވާ އެހެންފަރާތްތަކުގެ މައްޗަށް ވެސް ދައުވާކުރުމަށް މިމަހުގެ ފަހުކޮޅު ޕީޖީއަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިބި ހުރިހާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި އެފަރާތްތަކާއި މެދު ފިޔަވަޅުއަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.