ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ބުދަ ދުވަހުގެ ހެނދުނު 9:30 އަށް ތާވާލުކޮށްފިއެވެ.

ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް މިހާރު ވަނީ ނިންމާލާފައެވެ. ޔާމީނާ ދެކޮަޅަށް ދައުލަތުން ވަނީ އަށް ހެއްކެ ހުށަހަޅާފައެވެ.

ނަމަވެސް ދައުލަތުން ހުށަހެޅި އެއް ހެއްކެއްގެ ހެކިބަސް އަދިވެސް ނުނެގެއެވެ. އެއީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއެވެ.

ލުތުފީގެ ހެކިބަސް ނުނެގުނީ ދޮގުހެކިދޭން މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އުޒުރުވެރިވުމުންނެވެ. މި މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވަނީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ލުތުފީގެ ވީޑިއޯ އިންޓަވިއުއާ މެދު ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޔާމީން ހުށަހަޅުއްވާފައިވާ ހެކިވެރިންގެ ހެކިބަހާއި ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް ގާޒީވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮތް އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައި ވާތީއެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ކަމަށް ބެލެވެއެވެ. އެގޮތުން އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާކަމަށް ދަައުލަތުން ބުނެއެވެ.