ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ހޯދަން އެކުލަވާލާފައިވާ ސިޔާސަތުގައި ގާނޫނާ ހިލާފަށް ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނާއި ހިލާފަށް ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ. އަދި، ގާނޫނާއި ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާ އަދި އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ދާދިފަހުން އިމިގްރޭޝަނުން ޑީޕޯޓު ދެ ބިދޭސީންގެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އާއްމުން އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދާދިފަހުން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑީޕޯޓު ކޮށްލި އެއް ބިދޭސީއަކީ ގަވާއިދާއި ހިލާފަށް ބިދޭސީން ރެކްރޫޓު ކުރަމުންދާ މީހެކެވެ. އަނެއް މީހާއަކީ އިމިގްރޭޝަނުން ދީފައިވާ ހުއްދައާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. މީގެއިތުރުން އެތަނުން އެންމެ ފަހުން ޑީޕޯޓު ކޮށްލި މީހަކީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާ މަނީ ލޯންޑާ ކުރުމުގެ ތުހުމަތުވެސް ކުރެވޭ މީހެކެވެ. މި މައްސަލާގައި ސަރުކާރަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް މަނީ ލޯންޑާގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ތަހުގީގު ނުކޮށް އޭނާ ޑީޕޯޓު ކޮށްލުމުންނެވެ.