ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީން) 4.4 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިންގިކަން ފަޅާ އަރައިފިއެވެ.

މިކަން ފަޅާ އެރީ ދެހާސް ސަތާރަވަނަ އަހަރު އެންސީއައިޓީން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެއްގައި ތުހުމަތުތަކެއް ހުރި ކަމަށް ޝައްކު ކުރެވިގެން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އެދިވަޑައިގަތުމަށް އޮޑިޓު އޮފީހުން ކުރިއަށް ގެންދިޔަ އެންސީއައިޓީގެ ހާއްސަ އޮޑިޓަކުންނެވެ.

އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެންސީއައިޓީން ކުރިއަށް ގެންދިޔަ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމްކުރުމަށް ބޭނުންވާ ހާޑުވެއާ ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ ޓެންޑާ ބޯޑުން އިއުލާނު ކޮށްގެން ކަމަށެވެ. ނަމަވެސް އެ އިއުލާނަށް ބީލަން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ އެންމެ ފަރާތަކުން ބިޑު ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި މުޅިން ހިލާފަށް އިތުރު ބިޑަކަށް ހުޅުވާވެސް ނުލައި އެ މަސައްކަތް ކުރުމަށް ހަމައެކަނި ބިޑު ކުރި ފަރާތަށް 4.4 މިލިއަން ރުފިޔާގެ މަޝްރޫއު އެންސީއައިޓީން ހަވާލުކުރި ކަމަށެވެ.

އިތުރަށް ރިޕޯޓުގައި ބުނެފައިވަނީ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމް ކުރުމަށް ބޭނުންވާ ހާޑުވެއާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ހަވާލުވި ކުންފުނިން ހާޑުވެއާ ސަޕްލައި ކޮށްދެންޖެހޭ މުއްދަތުގެ ތެރޭގައި އެތަކެތި ސަޕްލައި ކޮށްދިން ނަމަވެސް، އެންސީއައިޓީގެ އިންޓާނަލް އީމެއިލްތަކުން އެނގޭ ގޮތުގައި އެތަކެތި އިންސްޓޯލްކޮށް އެއާގުޅޭ ތަމްރީނު ދީފައިވަނީ މަސައްކަތުގެ މުއްދަތުގެ 85 ދުވަސް ފަހުން ކަމަށެވެ.

އަދި އެ ލަސްވި ލަސްވުމަށް 658،101 ރުފިޔާ، އެތަކެތި ސަޕްލައި ކޮށްދިން ކުންފުންޏަށް މަސައްކަތުގެ ހަމަ އަގު ދިނުމުގެ ކުރިން އުނި ކުރަން ޖެހުނު ނަމަވެސް އެ ކުންފުންޏަށް ފައިސާ ދީފައިވަނީ އެއްވެސް އުނި ކުރުމެއް ނެތި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުން ދެން ފާހަގަވި އަނެއް ކަމަކީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ ތެރެއިން ތިން މިލިއަން ރުފިޔާ ދީފައިވާއިރު މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް މަސައްކަތް ނުނިމެނީސް ބާކީ ހުރި ފައިސާވެސް ދީފާ ކަމެވެ. މަސައްކަތް ހަވާލުކުރި ކުންފުންޏާއި އެކު ވެވުނު އެއްބަސްވުމުގައި 8 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނިންމާފައިވަނީ 33 ހަފްތާގައި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަން ހިނގައިގެން ދިޔައިރު އެތަނުގެ އިސްވެރިއަކަށް ހުންނެވީ މުހައްމަދު އަޝްމަލީއެވެ. އެހެންކަމުން މިކޮރަޕްޝަނުގެ ތުހުމަތު ކުރެވެނީ އޭނާ އަށެވެ. މި މަސައްކަތުގައި ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް އޮޑިޓު އޮފީހުން އަންގާފައިވެއެވެ. އަދި އެންސީއައިޓީން މީގެފަހުން ކުރާ މިފަދަ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އެ އިދާރާއަށްވެސް ވަނީ ލަފާ ދީފައެވެ.