އދގެ މެންބަރު ގައުމުތަކުގެ 74 ވަނަ އާންމު ޖަލްސާ (ޔޫއެންޖީއޭ) މިރޭ ފަށާނެއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި، އދގެ މެންބަރު ގައުމުތަކުގެ 74 ވަނަ އާންމު ޖަލްސާ ފަށާނީ ރާއްޖެ ގަޑިއިން މިއަދު ހަވީރު 06:00 ގައެވެ.

74 ވަނަ ޔޫއެންޖީއޭ އެޖެންޑާގައި ހިމެނޭ މައިގަނޑު ބައެއް ކަންކަމުގެ ތެރޭގައި ކްލައިމެޓް ސަމިޓްއާއި، ފައިނޭންސިންގް ފޯ ޑިވެލޮޕްމަންޓް ސަމިޓާއި ސަމޯއާ ޕާތްވޭގެ ރިވިއު ބައްދަލުވުން ހިމެނެއެވެ. ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އިސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މިއީ ފާއިތުވީ 6 އަހަރަށްފަހު، ރާއްޖޭހެ ރައީސަކު މި ޕޯޑިއަމްގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރެވެ. އދގެ މެންބަރު ގައުމުތަކުގެ 74 ވަނަ އާންމުޖަލްސާ ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.