މަސްވެރިކަމާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗާގެ ސިނާއަތް ކުރިއަރުވައި، ތަރައްގީކޮށް، އެ ސިނާއަތް ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާން ކޮށްފައިވާ ބިލެއްވެސް މެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންޖެހެއެވެ.

މި ބިލުގައި މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދިނުމާއި، މަސްވެރިކަމާ ގުޅޭ ތައުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރުމާއި، އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ހިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުން ފަދަ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މަސްވެރިން މަސް ބާނަނީ / ފޮޓޯ: ދިވެހި މަސްވެރިން

މީގެ އިތުރުން މި ބިލުގައި މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ގާއިމުކުރުން ފަދަ އާ ކަންތައްތައް މިބިލުގައި ތައާރަފު ކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗާ ތަރައްގީ ކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ގާނޫނު، ގާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އުވިގެންދާނެއެވެ.

މި ބިލަކީ 5 ސެޕްޓެމްބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު ރައީސް ސޯލިހް ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނޫ މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.