ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ދެ ބިދޭސީއެއްގެ މައްސަލަ ތަހިގީގުނުކޮށް، އިމިގްރޭޝަނުން ޑީޕޯޓްކޮށްފައިވާތީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

މައްސަލަ ތަހުގީގުނުކޮށް، ދެ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލުމާއި ގުޅިގެން، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އުޝާމް ވިދާޅުވީ، ޖިނާއީ ކުށްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލަ ތަހްގީގުނުކޮށް ޑީޕޯޓްކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެނެސް, އެކަން ބަލައިދިނުމަށް އެދިފައި ކަމަށެވެ.

މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަނުން ދޫކޮށްލީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަބޫ ހަނީފެވެ. އަބޫ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނަކަށް ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން ޑީޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި މި މީހާގެ ހުއްދަ ބާތިލުކޮށް، ޑީޕޯޓްކޮށްފައި ވަނީ އެއާޕޯޓުން އޭނާ ހިފެހެއްޓުމަށް ފަހުއެވެ.

މީގެއިތުރަށް އިމިގްރޭޝަނުން ވަނީ ރާއްޖެއައިސް ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ މީހަކު އަތުލުމަށްފަހު ޑީޕޯޓް ކޮށްލާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓްކޮށްފައި ވަނީ އެމްޑީ ޝަފީގުލް އިސްލާމް (އާންމު ނަމުން ނަމަ "މާސްޓާ") ނަމަކަށް ކިޔާ ބަންގުލަދޭޝްގެ 49 އަހަރުގެ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.