މަސްތުވާ އެއްޗެހި ބޭނުން ކުރާ މީހުން އެކަމުން ސަލާމަތް ކުރެވޭނީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓުވައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ، މަސްތުވާ އެއްޗެހި ބޭނުން ކުރާ މީހުން އެކަމުން ސަލާމަތް ކުރުމަށް އިސްލާމް ދީނުގައި ހިފަހައްޓުވަން ޖެހޭ ކަމަކީ މިހާރު ރިސާޗްތަކުން އެނގި ސާބިތުވެފައި އޮތް ކަމެއް ކަމަށެވެ. އަދި ހުޅަނގުން ބޭނުން ކުރަމުން ގެންދިޔަ ފަރުވާތަކަކީ އަގުބޮޑު ދެމެހެއްޓެނިވި އެއްޗެއް ނޫން ކަން ވެސް މިހާރު ސާބިތުވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އިސްލާމް ދިނާ ކައިރިއަށް ޖެހިގެން މެނުވީ މަސްތުވަތަކެތީގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

އުމަރު މިމޭރުމުން ވާހަކަ ދެއްކެވީ، ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އިންތިޒާމުކުރާ އޯޕަން ޑޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެންޑީއޭ ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް، ހިދުމަތް ފުޅާ ކުރުމަށްޓަކާ އެ އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވުމައި ގުޅިގެންނެވެ.

ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުގައި، އެންޑީއޭގެ ހިދުމަތްތައް ތަރައްގީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްގީ ކުރެވޭނެއެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ގައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިން ދެވޭނެ އިންތިޒާމުތައް ވެސް އެންޑިއޭގެ އާ އިމާރާތުގައި ގާއިމު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.