ސަގާފީ ތަރިކައިގެ ބިލު އަދި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހް ތަސްދީގު ކުރެއްވި ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލަކީ ރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ގާނޫނުގެ ބިލެވެ.

މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެ ތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ގާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.

ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު

ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ރައީސް އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެ އިތުރުންވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ އެކިއެކި މާއްދާތަކަށް މި ބިލުން އިސްލާހު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާބެހޭ މާއްދާއަކާއި މުއާހަދާއަށް އަމަލުކުރުމާބެހޭ މާއްދާއެއް އިތުރުކޮށް ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީގެ ނަން ބަދަލުކުރުން ހިމެނެއެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެންބަރެއްގެ ގޮތުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އިސްލާހުގައި ބުނެފައިވާއިރު، މި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއެކު، 30 ދުވަހުގެ ތެރޭގައި މިހާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމު ގެއްލިގެން ދާނެއެވެ. އަދި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރެވޭނެ އުސޫލުތަކަށް ވެސް މި ބިލުގައި ވަނީ ބަދަލު ގެނެސްފައެވެ.

މި ދެ ބިލު ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.