ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށާއި، އިސްލާހު ގެންނަން ޖެހެނީ ކީއްވެެގެންކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ފޮނުވީމާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މި ޖަލްސާ ބާއްވަން ޖެހޭކަން ހުށަހެޅި މެންބަރަކީ އޭނާ ކަމަށެވެ. ނަމަވެސް ބިލު ފޮނުވި ސަބަބުތައް އެނގެން ޖެހުނު ނަމަވެސް، މި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މި ގެންނަންޖެހެނީ ކީއްވެގެން ކަމަށް ސާފު ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުންެއަރާގޮތަކަށް މަޖިލީހުން ގާނޫނެއް ފާސްކޮށްފައި ދޫކޮށްލާކަަށް ބޭނުން ނުވާ ކަަމަށެވެ. އަދި މި ބިލު ހުށަހެޅި ސަބަބު ރައްޔިތުންނަށް އަދި މަޖިލީހަށް އެއަށްވުރެ ބޮޑަށް ސާފުވާންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޕްރެސް ކޮންފަރެންސެއްގައި ރިޟްވާންގެ މައްސަލަ ތަހުގީގުކުރަމުންދާ އިރު މަރު ކޮމިޝަނުން ހޯދި ހޯދުންތަކަށް ބަލާ ގާނުނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރިކަމަށް ވިދާޅުވި ކަމަށެވެ. އަދި އެހެން ވިދާޅުވުމަށްފަހު މިތަނަށް އެ ގާނޫނުތަކަށް އިސްލާހު ފޮނުއްވީމަ މި މަޖިލިސް ޗުއްޓީގައި އޮވެ، އެކަން ނުކޮށްފިކަމުގައިވަނީ ނަމަ، ދިވެހި ރައްޔިތުން މި މަޖިލީހަށް އިނގިލި ދިގުކުރަން ފަށާނެ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މިއަހަރު މެއިމަހު މަރު ކޮމިޝަނުން ވަނީ ސަރުކާރަށް ޑްރާފްޓް ރިޕޯޓެއް ދެއްވާފައި ކަމަށާއި، ސަރުކާރުން ތިން މަސްފަހުން ކުއްލިއަކަށް މި ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭކަން ފެނިވަޑައިގެން ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ ގާނޫނަށް އިސްލާހު ފޮނުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ކަންކަން އިންތިޒާމްކުރުމުގައި މިއަށްވުރެ ފުރިހަމައަށް ކަންކަން އިންތިޒާމް ކުރެވޭނެކަމަށް ޝައްކު ނުކުރައްވާ ކަަމަށެވެ. އެހެންނަމަވެސް މިފަހަރު ކަންދިމާކުރިގޮތުން އެމްޑީޕީން ނަޒާހަތްތެރި މަޖިލީހެއް އުފެއްދުމަށް ވަކާލާތުކޮށްގެން ވޯޓު ހޯދައިގެން މަޖިލީހަށް ވަދެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދެއް އެކުލަވާލާފައި ކަމަށެވެ.
އަދި އެގަވާއިދަކީ އެންމެ ބޮޑަށް ނަޒާހަތްތެރި މަޖިލީހެއް ހިންގުމަށް ބޭނުންވާ އަސާސް ކަމަށާއި، ނަމަވެސް މިއަދު މި ޖެހުނީ ނަޒާހަތްތެރި މަޖިލީހަށް މި ބިލް އައުމާއި، ޖަލްސާ ބާއްވަން ނިންމީ މަޖިލީހުގެ ގަވާއިދުން މަޑުމަޑުން އެއްކައިރިވާން ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ފޮނުވި ބިލުގައިވާ އިސްލާހުތައް އެއާއެއްގޮތަށް ބަހުސްކުރެވި އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދި ރަނގަޅު ފުރިހަމަ މައުލޫމާތު ސަރުކާރުން ދިނުމުން، އެ ގެންނަންޖެހޭ އިސްލާހެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޗުއްޓީގައި ތިބެގެން އެކަން ސަރުކާރަށް ނުވާނޭގޮތަކަށް މިކަން ކުރަން ބޭނުންނުވާ ކަމަށެވެ.