ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރަންޖެހެނީ އަވަށްޓެރި ސްރީލަންކާގައި ދިންފަދަ ޓެރަރިސްޓު ހަމަލާތަކުން ދިވެހިރާއްޖެ ސަލާމަތްވެ ތިބުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ހާއްސަ ރެޕަޓުއާ އަހުމަދު ޝަހީދު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ގާނޫނުތަކަކީ ކުށެއް ކުރުމުން ދައުލަތުން ދޭ ރައްދު ކަމަށެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ސްރީލަންކާގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތައް ހިންގިޔަ ނުދިނުމަށްޓަކައި ކަަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެރަރިޒަމް ގާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑު ކިޔާނެ ކަމަށެވެ.

ޝަހީދުގެ ޓުވީޓުގައި ވަނީ ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބަޔާން ކޮށްފައިވާ ގޮތަށް ގާނޫނު ފާސްކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަދި އެކަމަކީ އައިސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރާ މީހާ ކޯޓު އަމުރެއް ނެތިވެސް ހައްޔަރު ކުރެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ ބިލުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.