ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ، އިގްތިސޯދީ ފުދުންތެރިކަން ލިބުންކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރު ފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިގްތިސޯދީ ތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ފުދުންތެރިކަމާއި މާލީ ގޮތުން މެދުވެރިވާ ހާލަތެއްކަން ފާހަގަކުރައްވައި އެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުކުރާނެ ގޮތުގެ ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ، އެބައެއްގެ އިލްމީ ގާބިލުކަން އިތުރުވި މިންވަރަކުން ކަމަށެވެ. އަދި ސަރުކާރުން ކުރަން އުޅޭ ކަމަކީ، ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނީ ދަރިންނަށް ރަނގަޅު ތައުލީމް ދީގެން ކަން ފާހަގަކުރައްވައި އެކަން ކުރެވޭނީ ތައުލީމުގެ ތެރެއިން، އަދުލު އިންސާފަށާއި ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރިވެތި އަހްލާގުގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެންކަން ފާހަގަކުރެއްވިއެވެ. ރައީސް ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތައުލީމީ ބިންގާ އެޅި، އިލްމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީހުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަކުރައްވައި އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަހުރެއްގެ ހައްގުވެރިންނަކީ، އަލިފުށީގެ ލޮބުވެތި ރައްޔިތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ތައުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއްކަން ފާހަގަކުރައްވައި އެދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެރަށުގެ އަލީ ހަސަން، ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެހެން ގައުމުތަކުގައި ދުއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭނާ މިހާރު ވަނީ، ބައިނަލްއަގްވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުންކުރުމަށް، ތަފާތު ސައިޒްތަކުގެ 5 ދޯންޏެއް ބަނދެދީފައި ކަމަށާއި އަދި މިހާރުވެސް ޒެންޒިބާރުގައި ބޭނުންކުރުމަށް، އޭނާ އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ފަހުރެއްކަމާއި އަދި ނޫއިގްތިސޯދުގެ ނަފާ، އެތައް ގުނައެއް އިތުރުވެގެން ދިޔުމުގައި، އަލިފުށީ ވަޑިންގެ ހިއްސާ ވަރަށް ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ތައުލީމީ ނިޒާމުގެ ތެރޭގައި، އަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުމަށް، އިސްކަންދެނީ މިފަދަ ސަބަބުތަކަށްޓަކައިކަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ގާބިލްކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެންކަމަށާއި މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖްތަމައުތަކުގެ މީހުންނަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަގީގީ ތަރައްގީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމައު، މިހާރު އޮތް ހާލަތުން، އެއަށްވުރެ ތަހުޒީބީ ހާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.