މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސީ، މިއަދު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުއެވެ. މި އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ސޮއިކުރައްވާފައިވާއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާޗް ތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ. އެސްޓީއޯއިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

މިހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލުން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ.