އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް ޝިއުނާ އަދި ނައިބު ރައީސަކަށް ފާތިމަތު އަނޫލާ އައްޔަންކޮށްފިއެވެ.
މި ދެބޭފުޅުން މަގާމަށް އައްޔަން ކޮށްފައި ވަނީ، އެ ކޮމިޝަންގެ މެންބަރުންކަމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެބޭފުޅުން އައްޔަންކުރެއްވުމުން، ކޮމިޝަނުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.
ރައީސް ވަނީ އޭސީސީގެ މެންބަރުކަމަށް މިއަދު ހަތަރު ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފާތިމަތު އަނޫލާ, މަރިޔަމް ޝިއުނާ، އައިޝަތު އަބްދުﷲ ، އަދި އަލީ އަޝްރަފެވެ.
މި ބޭފުޅުންގެ ތެރެއިން ފާތިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ.
ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ކޮމިޝަނަށް އައްޔަން ކުރެއްވި އައިޝަތު އަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އޭނާ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ.
އަދި މެންބަރު އަލީ އަޝްރަފް ވަނީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައެވެ. އަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން މިއަދު އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ. މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މި ހަތަރު ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.