ފަހު ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވީ ނަމަވެސް އިންޑިއާގެ "ޗާންދްރަޔާން-2" މިޝަންއާ އެކު އެގައުމުގެ ނަން ތާރީހުގައި ލިޔެވިއްޖެ ކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، އިންޑިއާއަށް ތައުރީފު ކުރައްވައިފި އެވެ.

ހަނދުގެ ދެކުނު ތަނޑީގައި ސޮފްޓްލޭންޑިންގްއެއް ހަދާ، ހަނދުގެ ދިރާސާތަކެއް ކުރުމަށް އިންޑިއާއިން ކުރިއަށް ގެންދިޔަ ޖައްވީ މިޝަން "ޗާންދްރަޔާން-2" އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސައިންސްގެ ރޮނގުން އިންސާނީ ކުރިއެރުންތައް ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި އިންޑިއާގެ ޖައްވީ އިދާރާ (އައި.އެސް.އާރް.އޯ) އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ހައްގުކަމަށެވެ. އަދި މިމިޝަންއަކީ އާދައިގެ މިޝަންއެއް ނޫންކަންވެސް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވެސް ވަނީ "ޗާންދްރަޔާން-2" ގެ މިޝަންއަށް ތައުރީފު ކުރައްވާ، ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން ހަނދުގައި ޖައްސާ، ދިރާސާކުރަން އޮތް ލޭންޑާ "ވިކްރަމް" އަށް އެންމެ ފަހުވަގުތު ގޮންޖެހުންތަކެއް ކުރިމަތިވީ ކަމުގައި ވީ ނަމަވެސް، އެ މިޝަންއަކީ އެންމެންވެސް ފަހުރުވެރިވާ މިޝަންއެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އައި.އެސް.އާރް.އޯގެ ސައިންސްވެރިންގެ މަސައްކަތާއި، ބޮޑުވަޒީރު މޯދީގެ ތަސައްވުރާއި، އިންޑިއާ ރައްޔިތުންގެ އަޒުމަށް ސެލިއުޓް އަރުވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ދިރާސާތަކެއް ސައިންސްވެރިން ހަދާފައި ނުވާ ހަނދުގެ ދެކުނު ތަނޑިއާ ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާ ކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދިޔަ "ޗާންދްރަޔާ-2" ގެ މިޝަން ވަނީ ނާކާމިޔާބުވެފައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެކަށްވެސް "ޗާންދްރަޔާ-2"ގެ މިޝަންގެ ކަންކަން ދިޔައީ ރާވާފައި އޮތް ތާވަލާ އެއްގޮތަށް ކަމަށާ، ނަމަވެސް މައްސަލަ ކުރިމަތިވީ ހަނދުގެ ސަތަހައާއި އެންމެ 2.1 ކިލޯމީޓަރަށް ވެފައި ވަނިކޮށް ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން އެހެން ދިމާވި ސަބަބެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މިމިޝަން ކާމިޔާބުވީ ނަމަ، އިންޑިއާ ވެގެން ދަނީ ހަނދުގައި ކާމިބުކަމާއެކު ސޮފްޓް-ލޭންޑިންގްއެއް ހެދި 4 ވަނަ ގައުމަށެވެ.