ޖަޒީރާވަންތަ ތަރައްގީއެއް ގެނެވޭނީ ރާއްޖޭގެ ދަރިންނަށް ޒަމާނީ ތައުލީމުގެ ފުރުސަތު ފަހި ކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުއްވެޖެއެވެ.

ނ. މިލަދޫ ހިދާޔާ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކިތަންމެ ގިނަ ވަސީލަތްތަކާއި، ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް، ޢިލްމު ހޯދުމަށް އިސްކަން ނުދޭ ނަމަ، ތަރައްޤީއަކީ ލޮލުކޮޅަށް ވެސް ފެންނާނެ ކަމެއް ނޫންކަމަށެވެ.

"މި މަދަރުސާގެ ތާރީޚު އަންގައި ދެނީ، މިލަދުއަކީ ތަޢުލީމަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަން. ޢިލްމު އުނގެނި ތަންދޮރު ފިލައިގެން އުޅުމަށް، މިލަދޫ ރައްޔިތުން އަބަދުވެސް ބޭނުންވާކަން. ރަށުގެ ކުރިއެރުމާއި ތަރައްޤީއަކީ، އަޅުގަނޑުމެން މި ބުނެއުޅޭ ގޮތަށް، ކޮންމެ މީހެއްގެ އަމިއްލަ ނަފްސާ ގުޅިފައިވާ އެއްޗެއް ކަމަށް، މި ރަށުގެ ރައްޔިތުން އަބަދުވެސް ޤަބޫލުކުރޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތަޢުލީމު ކަމަށާއި، އެހެން ހުރިހާ ކަމަކަށްވުރެ، ތަޢުލީމް ދިނުން މުހިންމު ވަނީ އަދި ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ، އެފަންނެއްގެ ޢިލްމު ޙާޞިލު ކޮށްދީގެން ކަމަށް ވާތީ ކަމުގައެވެ. އެހެންކަމުން، ތަރައްޤީވާން ބޭނުންނަމަ އަދި ތަހުޒީބީ ބަޔަކަށް ވާން އެދޭ ނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އުނގެނި ދަސްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، އުނގަންނައި ދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫންކަމުގައެވެ. އެޒަމާނެއްގައި ލިބެން ހުރި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް، ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުން ކޮށްދޭން ޖެހޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، އެކަން ކޮށްދޭން ވަޢުދުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައިދޭން ތިބީ، ތިޔަ ދަރިވަރުން. މިއަތޮޅާއި މިރަށް ތަރައްޤީކުރަން ތިބީވެސް، ހަމަ ތިޔަ ދަރިވަރުން. ޙަޤީޤަތުގައި ތިޔަ ދަރިވަރުން މިއަދު ތިކުރާކަމަކީ، މާދަމާ މިޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ވިސްނުން، ތިޔަ ކުދިންގެ ސިކުނޑިތަކުގައި އުފެއްދުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދުކަމަށާއި އެކަން ޙާޞިލްކުރެވޭނީ، ޒިންމާދާރުކަމާއެކު، އަމިއްލަ ދިރިއުޅުމެއް ބައްޓަންކުރަން އެނގޭ މިންވަރަށް، ތަޢުލީމާއި ތަމްރީނު ފޯރުކޮށްދީގެން ކަމަށެވެ.