ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ ހަތަރު ވަނަ އަޑުއެހުމުގައި ހަތަރު ހެކިވެރިންގެ ހެކިބަސް ނަގައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ހާޒިރު ކުރި ހަތަރު ހެކިވެރިންނަކީ ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، ކުރީ ސަރުކާރުގެ ރައިީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މުހައްމަދު ލުވައިސްގެ އިތުރުން ކުރީގެ ސަރުކަރުކާގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މުހައްމަދު ވަސީމް އިސްމާއިލް (އެންސިސް ވަސީމު) އެެވެ.

ފުރަތަމަ ހެކިވެރިޔާ: މުހައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހަންމަދު ޝަރީފް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަނީ

ހެކި ބަސް ދެއްވަމުން ޝަރީފް ވިދާޅުވީ، އެސްކްރޯ އެކައުންޓް ހުޅުވުމަށް އޮންނަ އުސޫލާ އެކަން އޮންނަ ގޮތް އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީއަށް ދެންނެވިން ކަމަށެވެ. އެކައުންޓު ހުޅުމުވުމުގައި ޝަރީފްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކައުންޓު ހުޅުވުމަށް ފަހު އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ކޮންޓެކްޓް ޕޮއިންޓަކަށް އޭނާ ހުންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ކޮންޓެކްޓް ޕައިންތަކަށް ޗަރީފް ހުންނެވީ އޭރުގެ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެ އެކައުންޓަކީ ރައީސް ޔާމީނާ ގުޅޭ އެކައުންޓެއްކަން އެނގުނީ އެ އެކައުންޓް ހުޅުވި ފަހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފަކީ އޭރުގެވެސް ބޭންކް އޮފް މޯލްޑިވްސްގެ އެކްޒެކެޓިވް ޑިރެކްޓާގެ މަގާމު އަދި ބޭންކް އޮފް މޯލްޑިވްސްގެ ބޯޑް މެންބަރެއް ވެސް މެއެވެ.

ދެވަނަ ހެކިވެރިޔާ: މުހައްމަދު ލުވައިސް

ކުރީގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް، މުހައްމަދު ލުވައިސް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަނީ

ހެކިބަސް ދިނުމަށް ދެވަނަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް، އަދި ބީއެމްއެލްގެ ބޯޑް މެންބަރެއްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ކައުންސިލް މެންބަރުކަން ކުރައްވާފައިވާ މުހައްމަދު ލުވައިސެވެ.

މި މައްސަލައިގެ ދައުވާ ލިބޭ އަބްދުﷲ ޔާމީންގެ ފައިނޭޝަލް ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން މުއާމަލާތްކޮށް އެއްވެސް ފަރާތަކާ އެކު ލުވައިސް މަސައްކަތް ކޮށްފައިވާނެތޯ ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވުމުން، ލުވައިސް ވިދާޅުވީ، ރައީސް ޔާމީން ފައިނޭންޝަލް ޓްރާންސެކްޝަނެއް ހައްދަވަން ބޭނުންފުޅުވާ ވާހަކަ އޭރުގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވި ކަމަށެވެ. މިކަމާ ގުޅިގެން ލުވައިސް ވަނީ އޭނާއަކީ ބޭންކް އޮފް މޯލްޑިވެސްގެ އިންޑިޕެންޑެންޓް ބޯޑް މެންބަރެއް ކަމަށާއި މިކަމާ ގުޅޭ ގޮތުން އެގްޒެކެޓިވް ބޯޑް މެންބަރުން ތިއްބަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންޑްރޫ ހީލީ އާއި ޝަރީފްއާއި ދެބޭފުޅުން ތިއްބަވާނެ ކަމަށާއި، އަދި ލުވައިސް ވަނީ އެންޑްރޫ ހީލީއާ ޝަރީފް ގާތު މިފަދަ ފައިނޭޝަލް ޓްރާންސެކްޝަނެއްގެ ކަންތަކުގައި ރައީށް ޔާމީން ގުޅުއްވާނެ ކަމަށް ދަންނަވާފައި ކަމަށް ލުވައިސް ވިދާޅުވިއެވެ.

މިގޮތަށް ދެންނެވެމުން އެންޑްރޫ ވިދާޅުވީ "ވިލް ޓޭކް އިޓް ފްރޮމް ދެއާ" ކަމަށް ލުވައިސް ވިދާޅުވިއެވެ. އެހިސާބުން ފޯކަލް ޕޮއިންޓެއް ގޮތުގައި ޝަރީފް ހަމަޖެއްސިކަން އެނގުނުކަމާއި އޭގެ ފަހުން އިތުރު މުއާމަލާތެއް ލުވައިސް އާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމާ ޝުކުރުގެ އިތުރުން އިތުރު މީހަކު އެކަމާ ގުޅޭ ގޮތުން މުއާމަލާތްކޮށްފައި ނުވާކަމަށް ލުވައިސް ވިދާޅުވިއެވެ.

ތިންވަނަ ހެކިވެރިޔާ: މޫސާ ޒަމީރު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޝަރީއަތުގެ މަޖިލީހުގައި

މަޖިލީހުގެ ތިންވަނަ ހެކިވެރިއެއްގެ ގޮތުން ދައުލަތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ކުރީގެ ޓުއަރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީން އެދިވަޑައިގަންނަވައިގެން، އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުަރައްވާފައި ވާނެ ކަމަށެވެ. އެ ފައިސާއަކީ މުދަލެއް ވިއްކައިގެން ޒަމީރު ހީއްދެވި ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފައިސާ ލިބުމާ އެކު އެކައުންޓަށް ޖަމާކުރެއްވި ކަމަށާއި ފައިސާ ލިބިވަޑައިގަތުމުގައި ލަސްވެވަޑައިގަނެގެން ރައީސް ޔާމީން ގުޅުއްވާފައި ނުވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. ފައިސާ ލިބޭލެއް ލަސްވެގެން ގުޅުއްވާފައިވަނީ އާޒިމާ ޝަކޫރު ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯއްދެވި ކަމަށް ޒަމީރަށް ގަބޫލު ކުރެއްވެނީ އެއީ އެމަނިކުފާނުގެ އަމިއްލަ ބޭނުންފުޅަކަށް ކަމަށެވެ. ސީދާ ކޮން ކަމަަކަށް ހޯއްދަވާ ފައިސާއެއް ކަން ރައީސް ޔާމީން ވިދާޅުވެފައި ނުވާކަމަށް ޒަމީރު ވިދާޅުވިއެވެ.

ރައީށް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހަަމަޖެހުނީ މުދަލެއް ވިއްކައިގެން ކަމަށް ވިދާލުވެފައި ވާއިރު އެ މުދާ ވިއްކާފައި ވަނީ މޫސާ ޒަމީރުގެ ގާތް ރައްޓެއްސެއް ކަމަށްވާ ވަސީމް ކިޔާ މީހަކަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހަތަރުވަނަ ހެކިވެރިޔާ: މުހައްމަދު ވަސީމް އިސްމާއިލް

މުހައްމަދު ވަސީމް އިސްމާއިލް ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދެއްވަނީ

ކުރީގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ދެމެދު ވެވުނު ފައިސާގެ މުއާމަލާތުގައި ވަސީމް ވަނީ އޭނާގެއަތުން ގޯއްޗެއް ގަނެފައި ކަމަށް ބުނެއެވެ. މުޅި އެގްރީމަންޓްގެ އަގަކީ ދެމިލިއަން ޑޮލަރު ކަމަށާއި، ފުރަތަމަ މޫސާ ޒަމީރު ހަވާލުވެޑައިގަތީ އެއްމިލައިން ހަތްދިހަ ފަސް ހާސް ޑޮލަރު ކަަމށް ވަސީމް ބުނެއެވެ. އޭގެ ފަހުން އެ ފައިސާ އާ ގުޅޭ ގޮތުން އިތުރު މުއާމަލާތެއް ނުކުރެވޭ ކަމަށް ވެސް ވަސީމް ބުނެއެވެ.

ވިއްކާލި ގޯތީގެ ފައިސާގެ މުއާމަލާތުގެ އިތުރުން އިތުރު މުއާމަލާތެއް މޫސާ ޒަމީރާ ވަސީމާ ދެމެދު ތަންކޮޅެއް ފަހުގެ ތާރީހެއްގައި ކުރެވިފައިވާ ކަމަށް ވަސީމް ބުނެއެވެ. އެއީ ވަސީމް ކުރަމުންދާ މަސައްކަތަކަށް ދަތިވެގެން 15 މިލިއަން ރުފިޔާގެ ފައިސާ ފަހުން އަނބުރާ ދައްކާގޮތަށް ހޯދުމަށް ޒަމީރު ގާތުން އެދުނު މުއާމަލާތެވެ. އެ ފައިސާ މޫސާ ޒަމީރު އަތުން ވަސީމަށް ލިބުނު ކަމަށް ވަސީމް ބުނެއެވެ. އަދި އެ ފައިސާ ވަސީމަށް ލިބިފައވަނީ ނަގުދު ފައިސާއިން ކަމަށް ވަސީމް ބުނެއެވެ.

ޝަރީއަތް ނިންމާލުން

އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ލުތުފީގެ ބަޔާނާމެދު ގޮތެއް ނިންމުމުގެ އިތުރުން ދިފާއުން ހުށަހަޅާފައިވާ ހެކީގެ ހެކިބަސް ނެގުން އޮންނާނެކަމަށެވެ. ނަމަވެސް، ދިފާއުން އަދިވެސް ދަނީ ލުތުފީގެ ބަޔާން ބަލައިގަތުމާމެދު އިއުތިރާޒް ކުރަމުންނެވެ. ދިފާއުން ބުނީ ލުތުފީ ކޯޓަށް ފޮނުއްވި ސިޓީގައި ވެސް ތަހުގީގަށް ދެއްވި ބަޔާނަށް އިންކާރުކުރައްވާފައި ވާތީ، އެ ބަޔާން ޝަރީއަތަށް ބަލައިނުގަނެވޭނެކަމަށެވެ.

އިސް ފަނޑިޔާރު އަހުމަދު ހައިލަމް

މިއަދުގެ އަޑުއެހުން ނިންމަވާލެއްވުމުގެ ކުރިން ގާޒީ ހައިލަމް ވިދާޅުވީ ލުތުފީ ތަހުގީގަށް ދެއްވި ބަޔާނުގެ ވީޑިއޯ ރެކޯޑިންގް ބެލުމާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަމަށެވެ އަދި އެ އަޑުއެހުމުގައި ދިފާއީ ހެކީގެ ހެކިބަސް ނެގުމުގެ އިތުރުން، ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.