ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ހަށިގަނޑުގެ ގުނަވަންތައް ބަދަލުކުރުމުގެ ހިދުމަތް ލިބޭނެ ގޮތް ލަންކާ ސަރުކާރުން ހަމަޖައްސައިފިއެވެ.
މިއަދު ރައީސް ސޯލިހު އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ދެއްވި ޖޮއިންޓް ސްޓޭޓުމެންޓުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ސިއްހީ ހިދުމަތް ހޯދަން ދަތުރުކުރާ ފަރާތްތަކަށް ލަންކާއިން ދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ހާއްސަ ގޮތެއްގައި ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ލަންކާގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ލަންކާ ސަރުކާރުން ނިންމަވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ލަންކާ ރައްޔިތުން ނޫން އެހެން ރައްޔިތުންނަށް އެގައުމުގެ ހޮސްޕިޓަލުތަކުން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަންޓްރާންސްޕްލާންޓްގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މިހާރު އެ ހިދުމަތް ލަންކާގެ ބައެއް ހޮސްޕިޓަލުތަކުން އަންނަނީ ދެމުންނެވެ. އޭގެތެރޭގައި ދިވެހި ބައެއް ޕޭޝަންޓުންނަށްވެސް އަންނަނީ މިހާރު ހިދުމަތް ދެމުންނެވެ. އެގޮތަށް އެކަން ކުރަމުން އަންނަނީ ލަންކާ ސަރުކާރާއި ދިވެހި ސަރުކާރު މެދުވެރި ވެގެންނެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ ގައުމެކެވެ. މިއަދުގެ ޖޮއިންޓް ސްޓޭޓްމަންޓުގައި ލަންކާގެ ބޮޑުވަޒީރު ވަނީ ބޭސްފަރުވާއަށްދާ ދިވެހިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޖޮއިންޓް ސްޓޭޓްމަންޓުގައި ސާގެ ކަންކަން ފަސޭހަކުރުމަށް މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ލަންކާއަށް ކިޔަވަންދާ ކުދިންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަން ރައީސް ސޯލިހުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ޒުވާނުންގެ ހުނަރުތައް ތަރައްގީކުރުމުގެ ދާއިރާއަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވައި މިއަދު އެ ދާއިރާއިން ލަންކާއާއެކު ބަދަލުކުރެއްވި ދެ އެއްބަސްވުމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަތީ ތަޢުލީމުގެ ދާއިރާއިންނާއި ޒުވާނުން ތަރައްގީކުރުމާއި މީހުން ބިނާކޮށް ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން ލަންކާއާއިއެކު ބަދަލުކުރެވުނު އެއްބަސްވުންތަކުގައި ހިމެނޭ މުހިންމު ކަންކަން ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިވެހީންނަށް ލިބިދޭ ސިއްހީ ހިދުމަތްތަކުގެ އިތުރުން ލަންކާގެ ތަޖުރިބާއާއެކު ރައްޖޭގައި ސިއްހީ ހިދުމަތް ފުޅާކޮށް މީހުން ބިނާކުރުންފަދަ ކަންކަމުގައި އެހީތެރިކަން އިތުރުކުރަން ގަސްތުކުރައްވާކަން ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ކިޔަވާކުދިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މަތީ ތައުލީމުގެ ދާއިރާއިން ރާއްޖޭގެ ދަރިވަރުންނަށް ލަންކާއިން ލިބޭ ފުރުޞަތު ތަކުގެ އިތުރުން ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އިގްތިސާދީ ދާއިރާއާއި އިޖުތިމާޢީ ދާއިރާއިން ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ލަންކާއަށް މިއަހަރު ހިންގި ބޮންގޮއްވުމުގެ ހާދިސާގެ ދަތި ވަގުތުގައި ރާއްޖެއިން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޓެރަރިޒަމްފަދަ ނުރައްކާތަކަކީ ހުރިހާ ގައުމަކަށް ވެސް އޮތް ބިރެއްކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ލަންކާގެ ބޮޑުވަޒީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއާއި ލަންކާއަށްވެސް އޭގެ ނުރައްކާ އޮތް ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރާނެކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސަރަޙައްދުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.