ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަމުންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ތިންވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ތިންވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/community އިން ލިބޭނެއެވެ.
މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ބީއެމްއެލުން ދޭނީ 50,000 އެވެ.
ކޮމިއުނިޓީ ފަންޑުގެ ފުރަތަަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ހދ.ނެއްލައިދޫ ގައި ކޮމިއުނިޓީ ޕާކެއް ހެދުން، ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން، އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމުގެ އިތުރުން ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްގީކުރުމެވެ.
2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.