ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިއަދު ގައުމަށް ބޭނުންވަނީ ތައުލީމީ ގޮތުން ގާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން ކަމުގައި ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތ. ބުރުނީ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި، ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ކޮންމެ ކުއްޖެއްގެވެސް ތައުލީމީ ހަޔާތް ބިނާވެގެންދަނީ، ގައުމީ މަންހަޖު އެކަށައަޅާފައި އޮންނަ ގޮތަކަށްކަމަށާއި، އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެ ތިބޭ، ގައުމިއްޔަތުގެ ރޫހު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ގައުމުގެ އިޖްތިމާއީ ހާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ގައުމީ މަންހަޖު މުރާޖައާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ ޅަފަތުގެ ތައުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭކަމުގައި ރައީށް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ޕްރައިމަރީ ޓީޗަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި ތިމާގެ އުނގުތެރޭ ތަރުބިއްޔަތުކޮށް، މުޖްތަމައާ ހަވާލުކުރާ ދަރިއަކީ، ގައުމަށް ބޭނުންތެރި ޒުވާނެއްކަމުގައި ހެދުމަކީ، ބެލެނިވެރިންގެ އެންމެ އިސް ވާޖިބުކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހިންގެ މި ޖަޒީރާ ރާއްޖެ، ދިވެހިން އެދޭ މިސްރާބަށް ގެންދެވޭނީ، އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ސޯލިހް ވަނީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.