ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ފަސް ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭއެމްއެލުން ތައާރަފްކުރި އަހަރެމެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދެވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެވެ.

ދެވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާފައިވާ ޕްރޮޖެކްޓްތައް

  • ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ – ބ.ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުން
  • ފޭދޫ އެންވާރރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން - އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާކުރުން
  • ކޮޅުފުށީ އެކުވެރި ކްލަބް - މ. ކޮޅުފުށީ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން
  • ފަރީދާ އިބްރާހިމް – ސ.ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދު ގައި ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން
  • އަބޫބަކުރު އަލީ ފައުންޑޭޝަން – ކ. ގާފަރުގެ ސެން ކްލާސްރޫމް ތަރައްގީކުރުން
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ޕްރޮޖެކްޓެއް / ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށް ދިނުން ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ތެރޭގައިވެސް މުޅި ރާއްޖެ ޝަމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން 110 ޕްރޮޖެކްޓް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށްގެންދެވިފައި ކަމަށާއި، މި އަހަރު އިފްތިތާހުކުރެވުނު ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ފަންޑުގެ ފުރަތަމަ ކުއާޓާގައި ހޮވުނު ފަރާތްތަކުން ފަސްރަށެއްގައި ވަރަށް ކާމިޔާބު ކަމާއެކީ މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ޕްރޮޖެކްޓެއް / ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން ބުނީ، މުޖުތަމައަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.