ހިޔާނާތާ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ބެދިވަޑައިގެންފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް އުފުލާފައިވާ މައިގަނޑު 5 ދައުވާގެ ތެރެއިން އެންމެ ބޮޑު ޝަރީއަތުގެ ފުރަތަމަ ދުވަހުގެ އަޑުއެހުންތައް ފަށައިފިއެވެ.

އަޑުއެހުންތައް ކުރިއަށްދަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ހައިކޯޓުގައެވެ.

މި ޝަރީއަތަކީ، ވަން މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑް (ވަންއެމްޑީބީ) މަޝްރޫއުއިން ނަޖީބު ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިފައިވާ ޝަރީއަތެކެވެ.

ކޮރަޕްޝަނާއި ހިޔާނާތާއި ކަޅުފައިސާ ދޮވުމުގެ މައްސަލަތަކެއްގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެވިފައިވާ ނަޖީބު ރައްޒާގާ ދެކޮޅަށް ޖުމުލަ 42 ޖިނާއީ ދައުވާއެއް ވަނީ އުފުލާފައެވެ.

ނަޖީބު ގެންދަވަނީ މިހުރިހާ ދައުވާތަކަކަށްވެސް އިންކާރު ކުރައްވަމުންނެވެ. މެލޭޝިއާގެ ތާރީހު ބަދަލުކޮށްލި އާންމު އިންތިހާބުގައި މިދިޔަ އަހަރު ވެރިކަމުން ފައިބާވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަޖީބު ސިފަކުރައްވާ ގޮތުގައި، މި ދައުވާތަކަކީ ސިޔާސީ ދައުވާތަކެކެވެ.

ނަޖީބާ ދެކޮޅަށް ބަލަމުންދާ ވަންއެމްޑީބީ ހިޔާނާތާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގުތައް ދުނިޔޭގެ އެކި ހިސާބުތަކުން 6 ގައުމެއްގައި ދަނީ ބަލަމުންނެވެ.