ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވި ދެ ބޭފުޅުން ކަމަށްވާ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްޑާ ޒާހިރު އެ ކޯޓަށް އައްޔަން ކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ދެ ނަމުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީން) ފޮނުވާފައިވާ 3 ބޭފުޅުންގެ ނަންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެއީ ދަފްތަރު ނަންބަރު 6993 ޝުއައިބް ޙުސައިން ޒަކަރިއްޔާ، ހދ.ވައިކަރަދޫ ގްރީންވިލާ، މުޙައްމަދު ނިޔާޒުގެ އިތުރުން މއ.ވޭސައިޑް 610 ޢަލީ ސަމީރުގެ ނަމެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އެބޭފުޅުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއާ އެކު ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 އިން 7 އަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ މިދިޔަ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ.