ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައިވެސް އިންޓަނެޓު އަގު ހެޔޮ ކުރުމަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާކަން ހާމަވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި ބައެއް ކަންކަން ސަރުކާރުން ކުރުމަށްޓަކައި ބަޖެޓު ކޮށްފައި ވީ ނަމަވެސް އިންޓަނެޓު އަގުހެޔޮ ކުރުމަށް އެއްވެސް މިންވަރެއް ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން އެކިކަންކަމަށް ދޭ އެހީއާއި އިޝްތިރާކާއި ސަބްސިޑީޒްގެ ގޮތުގައި 270 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ. އޭގެތެރޭގައި ތަކެތި ނުވަތަ ހިދުމަތުގެ އަގު ހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާއަށް 165 މިލިއަން ބަޖެޓު ކޮށްފައިވެއެވެ. ނަމަވެސް އެ ހިދުމަތްތަކަކީ ކޮބައި ކަމެއް ބަޖެޓުގައި ތަފްސީލު ކޮށްދީފައެއް ނެތެވެ.
މި 270 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ކަނޑައަޅާފައި ވަނީ ކަރަންޓު އަގުހެޔޮ ކުރުމަށެވެ. އަދި އެހެނިހެން ގޮތް ގޮތުން ދޭ އެހީގެ ފައިސާ 81 މިލިއަން ރުފިޔާއަށް އަރައެވެ.
ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށްވާ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ވައުދު ފުދިގެން ނުދާތީ ރައްޔިތުން އަންނަނީ އެކަމާ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. ސަރުކާރުން ބުނަމުން ދަނީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް "އުފާވެރި ހަބަރު" ލިބޭނެ ކަމަށް ވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
އިންޓަނެޓްގެ އަގުހެޔޮވުމުގެ އުފާވެރި ވަގުތު ކައިރިވެއްޖެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން މިނިސްޓަރު މަލީހު ގެންދަވަނީ އިންޓަނެޓް އަގުހެޔޮ ކުރުމާ ގުޅޭގޮތުން ގިނަ ވާހަކަ ދައްކަމުންނެވެ. އެގޮތުން މިދިޔަ މާޗްމަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ބުނެފައި ވަނީ އެ މަސް ތެރޭގައި ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބޭ ވަރަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިނިސްޓަރު ވެސް ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ނިނިފައި ވާކަމަށް އެތައް ފަހަރަކު ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރަށް އަހަރު ވެގެން ދާއިރު އިންޓަނެޓްގެ އަގަަށް ހެޔޮ ބަދަލެއް ގެނެވިފައެއް ނުވެއެވެ.