ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް އިބްރާހީމް ޝަކީލް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ޝަކީލާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރެއްގެ ގޮތުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަގާމުތަކާއި ޔޫއެންޑީޕީގެ އެކި މަގާމުތައް ފުރުއްވާފައި ވެއެވެ. އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓާ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

އޭސީސީގެ މެންބަރުކަމަށް އިބްރާހީމް ޝަކީލް ޢައްޔަން ކުރެއްވުމުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

ޝަކީލް މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައި މީގެކުރިން ހުންނެވި ހަސަން ލުތުފީ އޮފީހަށް ނުނިކުމެ މުސާރަ ނަގަމުންދާ މައްސަލަ ފެންމަތިވުމުން މަޖިލީހުން އޭނާ ވަކި ކުރުމަށް ނިންމާފައި ވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.